މާލޭގެ މޭޔަރުކަމަށް ހޮވިއްޖެ ނަމަ ދައުރު ނިމެންދެން އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިވަޑައި ނުގަންނަވާނެ ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާން ފަހުމީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުން، އޭނާ މާލޭގެ މޭޔަރު ކަމަށް އިންތިހާބު ކޮށްފިނަމަ ދައުރު ނިމެންދެން އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިނުގަންނަވާނެ ކަމަށެވެ.
އަލްހާން ގެންދަަވަނީ ތަފާތު އެކި ވައުދުތައް ވެވަޑައިގަންނަވަމުންނެވެ. އެގޮތުން މޭޔަރު ކަމަށް ހޮވި ވަޑައިގެންފި ނަމަ މާލޭ ދަފުތަރު އުވާލާނެ ކަމަށާއި އަދި އެމީހުންނަށް ހާއްސަކޮށްގެން ހުޅުމާލޭން 10،000 ގޯތި ހިލޭ ދޭނެ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި މާލޭގެ ރައްޔިތުންނަށް ބަންޑާރަ ބިމުން ގޯތި ހިލޭ ލިބޭނެ ގޮތް ހަދައިދިނުމަކީވެސް އަލްހާންގެ ވައުދެކެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރު ވަމުން އަންނަ ލޯކަލް ކައުންސިލްގެ އިންތިހާބަށް ކެމްޕެއިން ކުރުން ކުރިއަށްދާއިރު އަލްހާން ވިދާޅުވީ ކޮވިޑުގެ މި ބަލިމަޑުކަމުގެ ދުވަސްވަރު ދޮރުން ދޮރަށް ހިނގައިގެން ކެމްޕެއިން ނުކުރައްވާނެ ކަމަށެވެ.
ކުރިއަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ޕާޓީތަކާއި އެހެން ކެންޑިޑޭޓުން ވެސް ފަށާފައިވާއިރު، ކޮވިޑު ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކެމްޕެއިން ކުރުމަށް ފަހި ފުރުސަތެއް ނެތް ކަމަށް ބުނެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުން ވަނީ ކެމްޕެއިން ކުރުމަށް ސަރުކާރުން ހުރަސް އަޅަމުން އަންނަ ކަމަށް ތުހުމަތުކޮށްފަ އެވެ.
އަލްހާން ފަހުމީ
އަލްހާން ފަހުމީ
އަލްހާން ފަހުމީ