ވައްކަމުގެ މައްސަލައެއް ހެއްކާއެކު މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ގެންނެވުމުން އެމަނިކުފާނު އޭނާއަށް އިންޒާރު ދެއްވި ކަމަށް މާލެ ސިޓީ ކައުންސިލުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ފަޒީން ތުހުމަތު ކުރައްވައިފި އެވެ.
ފަޒީން އެ ތުހުމަތު ކުރެއްވީ، ކޮވިޑާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައިގައި ސަރުކާރުން ބައިވެރިވެފައިވާ ކަމަށާއި ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ އޮންނަން ނޭދޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.
ފަޒީން ވިދާޅުވީ ވައްކަމުގެ މައްސަލައެއް ހެއްކާއެކު ރައީސް ނަޝީދުގެ ސަމާލު ކަމަށް ގެންނެވުމުން މަޖިލީހަށް ހާޒިރުކޮށް އޭނާއަށް އިންޒާރު ދެއްވި ކަމަށެވެ. އަދި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިނަމަ ކައުންސިލަރު އަދި މައްސަލަ ބަލައިފިނަމަ އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި ކަމަށް ފަޒީން ތުހުމަތު ކުރެއްވި އެވެ.
ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފަޒީން ވިދާޅެއް ނުވެ އެވެ. ނަމަވެސް މާލޭ ލޮނުޒިޔާރަތް ޕާކު ތަރައްގީ ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދަށް ދައުވާ ކުރަން ފޮނުވި އެވެ. އެ މައްސަލަ ޕީޖީއަށް ހުށަހެޅިތާ ދޮޅުމަސް ފަހުން ދައުވާ ނުކޮށް ވަނީ އަނބުރާ އޭސީސީއަށް ފޮނުވާލައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު