ހުޅުމާލެ ފޭސް ދޭއްގެ 7000 ފްލެޓަށް ހޮވުނު ފަރާތްތަކަށް ފްލެޓް ހަވާލު ކުރުމަށް ހަމަޖެހިފައި ވަނީ، ފްލެޓް އިމާރާތުގެ ތިރީގައި ހުރި ފްލެޓްތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިސްކަން ދީގެން، ގުރުއަތުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން އެގޮތަށް ބުނެފައި ވަނީ، 7000 ފުލެޓްގެ މައްސަލަ ބަލައި، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް އިއްޔެ އާއްމު ކުރި ރިޕޯޓުގައެވެ.

އެޗްޑީސީއާ ހަވާލާދީ ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ، ފްލެޓް ދިނުމުގެ ގުރުއަތަށް ބޭނުންވާ މައުލޫމާތު ލިބުނުހާ އަވަހަކަށް ގުރުއަތުލުމުގެ ކަންކަން ފަށާނެ ކަމަށެވެ.

ފްލެޓްތައް ނިންމުމުގައި މައި ކޮންޓްރެކްޓަރު ނިންމަން ޖެހޭ ހުރިހާ ކަމެއް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި ނަމަވެސް، ފްލެޓްތައް ހުރި ސަރަހައްދަށް ކަރަންޓު ލުމުގެ މަސައްކަތް ނުނިމޭތީ އެކަން އަދި ޓެސްޓު ނުކުރެވި ހުރި ކަމަށްވެސް ބުނެފައިވެއެވެ.

ބޭރުގެ ކުންފުންޏަކާ ކަރަންޓުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި އޮތުމާއެކު، އަދި އެކަންކަން ނިންމުމަށްފަހު ސްޓެލްކޯއާ ހަވާލު ކުރަންޖެހޭ ގޮތަށް އޮތުމުން، އެކަމާ ގުޅިގެން ތިން ފަރާތުގެ މެދުގައި ކުރިއަށްދާ މަޝްވަރާތައް ދިގުލައިގެން ދިއުމުގެ ސަބަބުން ކަރަންޓުގެ މަސައްކަތަށް ލަސްތަކެއް މެދުވެރިވެފައިވާކަމަށް ވެސް ބުނެފައިވެއެވެ.

ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އާ ހަވާލާދީ ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ، ހާއްސަ މައްސަލައެއް ދިމާވެފައިވާ ވަކިވަކި ފަރާތްތައް ފިޔަވައި ފްލެޓް ލިބޭ ހުރިހާ ފަރާތްތަކަކާ، މި މާޗު މަހުގެ ނިޔަލަށް ފްލެޓުތަކުގެ އެއްބަސްވުންތައް ހަވާލުކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށާއި ފްލެޓްތަކަށް ވަދެވޭވަރު ވުމުން ފްލެޓް ލިބޭ ފަރާތްތަކުން ފްލެޓްގައި ދޮރު ހަރުކުރުމާއި ތަށިމުށި ޖެހުން ފަދަ މަސައްކަތްތައް އެފަރާތަކުން އަމިއްލައަށް ކުރަން ޖެހޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.