ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާނެ ތާރީހެއް އިއުލާން ކުރާނީ ފުރަތަމަ ޖަހަން ފެށި ކޮވިޝީލްޑު ވެކްސިންގެ އިތުރު ޝިޕްމަންޓެއް ލިބުމުން ކަމަށް ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާނު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕު (ޓެގު) ގައި ހިމެނިވަޑައިގަންނަވާ ޕީޑިއޮޓްރިކް އިންފެކްޝަސް އެކްސްޕާޓް ޑރ. ނަޒްލާ މުސްތަފާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން ރާއްޖޭގައި ކޮވިޑު ވެކްސިންގެ ދެވަނަ ޑޯޒު ޖަހާނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފުތާ އާއި 12 ހަފުތާއާ ދޭތެރޭގަ އެވެ.

އެހެންކަމުން މިއަދަކީ ރާއްޖޭގައި ކޮވިޑު ވެކްސިން ޖަހަން ފެށިތާ އަށް ހަފުތާވި ދުވަހެވެ. ރާއްޖޭގައި ކޮވިޑު ވެކްސިން ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި ފުރަތަމަ ޖަހަން ފެށީ އިންޑިއާ އިން ތައްޔާރުކުރާ ކޮވިޝީލްޑް ވެކްސިނެވެ.

ދެވަނަ ޑޯޒު ޖަހަން ފަށާނެ ތާރީހަކާ ގުޅޭ ގޮތުން "ވަން" އިން މިއަދު ސުވާލު ކުރުމުން ތަސްލީމާ ވިދާޅުވީ ރާއްޖޭގައި ކޮވިޑު ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ފަށަން ނިންމާފައި އޮތީ އަށް ހަފުތާ އާއި 12 ހަފުތާއާ ދޭތެރޭގައި ކަމުން, އެ މުއްދަތުގެ ކޮންމެ ތާރީހެއްގައި ވެސް ދެވަނަ ޑޯޒު ޖެހޭނެ ކަމަށެވެ.

ނަމަވެސް ދެވަނަ ޑޯޒު ޖަހަން ފަށާނެ ވަކި ތާރީހެއް އަދި ނުނިންމާ ކަމަށާއި އެ ތާރީހު ކަނޑައަޅާނީ ކޮވިޝީލްޑު ވެކްސިންގެ އިތުރު ޝިޕްމަންޓެއް ލިބުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ތަސްލީމާ އިތުރަށް ވިދާޅުވީ, ދެވަނަ ޑޯޒު ވެސް ޖަހަން ފަށާނީ ފުރަތަމަ ޑޯޒު ޖެހި ތަރުތީބުން ކަމަށެވެ. ދެވަނަ ޑޯޒު ޖަހަން ޖެހޭ ދުވަސް އެސްއެމްއެސްއަކުން ނުވަތަ ހެލްތު.އެމްވީން އަންގާނެ އެވެ.

ރާއްޖޭގައި ދެލައްކަ އަށްވުރެ ގިނަ މީހުންނަށް ކޮވިޝިލްޑު ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވެ އެވެ. އެ ވެކްސިނަކީ އިންޑިއާ އިން ހަދިޔާކުރި ދެ ލައްކަ ވެކްސިނާއި ކޮވެކްސް ފެސިލިޓީން ލިބުނު 12,000 ވެކްސިނެވެ.

އެ ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމަށް ސަރުކާރުން ވަނީ ކޮވިޝިލްޑު ވެކްސިން އުފައްދާ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން 300,000 ޑޯޒު ގަންނަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި އޭގެ ތެރެއިން އެއް ލައްކަ ޑޯޒު މި ހަފުތާ ތެރޭގައި ރާއްޖެ ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.