ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ

ޖިނާއީ ކުށްތަކުގެ ޝަރީއަތް ހިނގާ މީހުންނަށް ވަގުތީ ލިޔުމުގައި ނޫނީ ބޭރަށް ނުދެވޭގޮތް ހަދަނީ

އިބްރާހިމް ޒަކީ

ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައި ވަނިކޮށް، ރާއްޖޭން ފުރައިގެންދިޔަ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރި މައްސަލަ ބެލުމަށްފަހު، ޖުޑިޝަރީ ކޮމިޓީން ހުށަހަޅާފައިވާ ކަންތައްތަކަށް މަގުފަހިވާ ގޮތަށް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހު ވީ އެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް އެންގުމަށް އެކޮމިޓީން ފާސްކޮށްފިއެވެ.

އެމައްސަލަ ބެލުމަށްފަހު އެ ކޮމިޓީން ފަސްކަމެއް ކަމާބެހޭ މުއައްސަސާތަކަށް ވަނީ ހުށަހަޅައިފައެވެ.

އެގޮތުން ޕާސްޕޯޓު ހިފެހެއްޓުން ފަދަ، ކުށުގެ ތުހުމަތުކުރެވޭ ނުވަތަ ދައުވާ ލިބޭ ފަރާތުގެ ހައްގުތައް ހިފަހައްޓާ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމާއި ތަހުގީގު އިދާރާތަކުން އަވަސްކޮށްދިނުމަށް ބާރުއެޅުއްވުމަށާއި، ކޯޓުން މައްސަލަތައް ނިންމުން އަވަސްކޮށްގެން، ކުށް ސާބިތު ނުވާ ފަރާތްތަކުގެ ޕާސްޕޯޓު އަވަހަށް ވީއްލައި އެ ފަރާތްތަކުގެ ދަތުރުފަތުރުކުރުމުގެ ހައްގަށް ހުރަސް ނޭޅުމާއި، ޖިނާއީ ބޮޑު ކުށެއްގެ ދައުވާއެއް އުފުލިފައިވާ ފަރާތެއް ނަމަ، ނުވަތަ އެފަދަ ކުށެއްގެ ތަހުގީގެއް ހިނގަމުންދާ މީހެއްނަމަ، އެމީހެއްގެ ޕާސްޕޯޓު ހިފަހައްޓާ ހާލަތުގައި، ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަ ދޭން ޖެހިއްޖެ ހާލަތެއްގައި ޕާސްޕޯޓުގެ ބަދަލުގައި ދަތުރުކުރުމުގެ ވަގުތީ ލިޔުމެއް (ޓެމްޕަރަރީ ޓްރެވަލް ޑޮކިއުމަންޓެއް) ގައި މެނުވީ ދަތުރުކުރުމަށް ހުއްދަ ނުދެވޭނޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ވަނީ ހުށަހަޅައިފައެވެ.

ޖިނާއީ ބޮޑު ކުށެއްގެ ދައުވާއެއް އުފުލިފައިވާ ފަރާތެއް ނަމަ، ނުވަތަ އެފަދަ ކުށެއްގެ ތަހުގީގެއް ހިނގަމުންދާ މީހެއްނަމަ، އެމީހެއްގެ ޕާސްޕޯޓު ހިފަހައްޓާ ހާލަތުގައި، ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަ ދެވޭހިނދު، ފިލައިގެން ދިރިއުޅެވިދާނޭ މާލީ ތަނަވަސްކަމާއި ވަސީލަތްތަކާއި ފެންވަރު އެމީހަކަށް ލިބިފައި ހުރި މިންވަރަށް ރިއާޔަތްކޮށް، އެމީހަކު ފިލުމަށް އެ ވަސީލަތްތަކުގެ ބޭނުން ނުހިފާނޭ ކަމުގެ ޔަގީންކަން ކޯޓުން ހޯދުމާއި، އެމީހަކު ބޭރަށް ފުރުމަށް ކޯޓުން ހުއްދަދެވޭއިރު، ދައުވާ ލިބޭ ފަރާތް ފުރުމަށް ހަމަޖެހިފައިވާ ތާރީހަކާއި އެނބުރި އައުމަށް ހަމަޖެހިފައިވާ ތާރީހާއި، ފުރުމަށް ހަމަޖެހިފައިވާ ގައުމެއް އެފަރާތުން ކޯޓަށް ސާފުކޮށްދިނުމާއި، އަދި ޝަރީއަތަށް ހާޒިރު ވާނޭކަން ޔަގީންކޮށްދޭ އިގުރާރެއް ހޯދުން ހިމެނެއެވެ.

ރާއްޖެއިން އެދުމުން، އެ ގައުމެއްގައި ހުރި ދައުވާ ލިބޭ މީހަކު އެ ގައުމަކުން ރާއްޖެއަށް ފޮނުވާލުމުގެ ފުރުސަތު ބޮޑު ގައުމަކަށް މެނުވީ، ޖިނާއީ ބޮޑު ކުށެއްގެ ދައުވާއެއް އުފުލާފައިވާ ފަރާތަކަށް ފުރައިގެން ދިއުމުގެ ހުއްދަ ނުދިނުމާއި، ޑިޕްލޮމެޓިކް މިޝަނެއް ހުރި ގައުމެއް ނަމަ، އެމީހަކު ވީތަނެއް އެނގޭނޭ ގޮތަށް ގުޅުން ބޭއްވުމުގެ ގޮތުން، ކަނޑައެޅޭ ވަކި މުއްދަތުތަކެއްގައި ޑިޕްލޮމެޓިކް މިޝަނަށް، އެމީހަކު ނުވަތަ އެމީހަކާ ހަވާލު ވެ ގޮސް ހުރި މީހަކު، ގަވާއިދުން ރިޕޯޓުކުރަމުން ގެންދިއުމަށް ޝަރުތުކުރުމަށްވެސް ވަނީ ހިމަނައިފައެވެ.

އިމަޖަންސީ ބަލި ހާލަތަކާ ގުޅިގެން، ކުއްލިއަކަށް ރާއްޖެއިން ބޭރަށް ފުރުވަން ޖެހިއްޖެ މީހަކަށް، އެ ހާލަތު ވަޒަންކޮށް، ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަދެވޭއިރު މި ހުށަހެޅުންތަކުގައިވާ އެންމެހައި ކަންކަމަށް ކޯޓުން އަމަލުކުރެވެން ނެތް ހާލަތްތަކުގައި އެގޮތަށް އަމަލު ނުކުރެވުނު ނަމަވެސް، އަމަލުކުރެވެން ހުރި އެންމެހައި ކަންކަމަށް އަމަލުކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

އެ މައްސަލަ ކޮމިޓީން ބެލުމަށްފަހު އެކުލަވައިލި ރިޕޯޓުގައި ބުނެފައި ވަނީ، ޖިންސީ ކުށުގެ ސީރިއަސް ތުހުމަތުތަކެއްކޮށް، ދައުވާ އުފުލައި ޕާސްޕޯޓު ހިފަހައްޓަފައި ވަނިކޮށް، އޭނާގެ ޕާސްޕޯޓު ދޫކުރުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގައި އަޑުއެހުން ބާއްވައި، 9 ފެބްރުއަރީ 2021 ގައި އަމުރު ނެރެފައިވާ ކަމަށެވެ. އެކަމާގުޅިގެން އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާފައިވަނީ ނުވައެއް ފެބުރިއަރީގައި ކަން ކޮމިޓީއަށް ފާހަގަވާ ކަމަށްވެސް ބުނެފައި ވެއެވެ.