ރ. މަޑުއްވަރީގައި 18 އަހަރުން ދަށުގެ ކުޑަ އަންހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފި އެވެ.
ކުޑަކުއްޖާ ރޭޕުކުރި ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ނަމަވެސް އެ ހާދިސާ ހިނގާފައިވަނީ މިމަހުގެ ތިންވަނަ ދުވަހު ކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު އެކަން ކުރުމުގައި ފުލުހަކު ބައިވެރިވެފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
އެކަމާ ގުޅިގެން މިއަދު އެންއައިސީން ކުރި ޓުވީޓެއްގައި ބުނީ، އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްތޯ ބެލުމަށް ކޮމިޝަނުން އިސްނަގައިގެން މައްސަލަ ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާ ލިބުނު ކުޑަ ކުއްޖާ މާލެ ގެނެސް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ވަނީ ޑޮކްޓަރަށް ދައްކައިފަ އެވެ. އަދި ކުއްޖާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ވެސް ފޯރުކޮށްދެމުން އަންނަ އިރު، މިހާތަނަށް އެއީ ރޭޕެއް ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރު ކޮށްފައިނުވާ އިރު، މަޑުއްވަރީގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ އެކަމުގެ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އިހުތިޖާޖުގެ ތެރެއިން ފުލުހުންނާ ކުރިމަތިލައި، ހަމަނުޖެހުން ހިންގި ދިހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު