ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުން ވެގެން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮށްފައިވާ ވައްކަމުގައި ސަރުކާރު ބައިވެރިވެފައިވާ ކަމަށާއި މިފަދަ ސަރުކާރަކާއެކު އޮންނަން އެމްޑީޕީ ނޭދޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވެންޓިލޭޓަރުތައް ގަތުމުގައި ހިންގާފައިވާ މުއާމަލާތްތަކުގައި ކޮރަޕްޝަން ހިމެނޭކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދެވަނަ ފަހަރަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވުމުން އެ މައްސަލައަށް ދައުވާ ނުކުރަން ނިންމުމާ ގުޅިގެން، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މަޖިލިސް ރައީސް، ނަޝީދު ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައިގައި މަތިޖެހުނަ ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބިދޭނެ ގެއްލުން ބޮޑު ކަމަށެވެ.

ސަރުކާރު މިކަމުގައި ބައިވެރިވެފައި ވާތަން ފެންނަ ކަމަށާއި، ވައްކަންކުރާ ސަރުކާރަކާ އެކީ އޮންނަން އެމްޑީޕީ ނޭދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިކަންކަަން ބަދަލު ކުރަން ޖެހޭ، އަދި ރައްޔިތުންނާއެކުގައި އަޅުގަނޑު މިކަމުގައި ދޫދޭކަށް ނެތިން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ބަދަލު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމުމާ ގުޅިގެން ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ފެންނަ ކަމަށް ވެސް މަޖިލިސް ރައީސް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގުރޫޕުގަ އެވެ. އަދި އެގޮތަށް ރައީސް ނަޝީދު ވިދާޅުވިކަން އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުން ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ބަދަލު ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް ނިންމުމާ ގުޅިގެން ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި އެ ބަހުސް ހިނގަމުން ދަނިކޮށް، ޝިއުނާ އާއި ޝަމީމުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ފެންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެކަމަށް ގައުމީ މަޖިލީހުގެ ބައެއް މެންބަރުންނާއި އެ ޕާޓީގެ މަޖިލިސް ބައެއް މެންބަރުން ވެސް ވަނީ ތާއީދު ކުރައްވައިފަ އެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ، އޭސީސީ އާއި ފުލުހުން ގުޅިގެން ތަހުގީގު ކުރުމަށްފަހު، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ އިސް 11 ބޭފުޅުންނަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކެއް، ގަރީނާއެއް ނެތް ކަމަށް ވިދާޅުވެ ޕީޖީ ޝަމީމް ވަނީ އެ ރިޕޯޓު އަނބުރާ ފޮނުވާލައްވައިފައެވެ.

ފަހުން ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ރިވިއު ކޮށްދިނުމަށް އޭސީސީން ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ. އަދި ވެންޓިލޭޓަރު މައްސަލައިގައި ޕީޖީން ފާހަގަ ކުރި ނުކުތާތައް އަލުން ރިވިއު ކުރުމަށްފަހު އޭސީސީން ދެކޭ ގޮތް ލިޔުމުން ޕީޖީއަށް ވަނީ ހުށަހަޅައިފައެވެ.