ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ފެންނަ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގުރޫޕުގަ އެވެ. އަދި އެގޮތަށް ރައީސް ނަޝީދު ވިދާޅުވިކަން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ބަދަލު ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް ނިންމުމާއި ގުޅިގެން ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕު ގުރޫޕުގައި އެ ބަހުސް ހިނގަމުން ދަނިކޮށް، ޝިއުނާ އާއި ޝަމީމުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ފެންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެކަމަށް ގައުމީ މަޖިލީހުގެ ބައެއް މެންބަރުންނާއި އެ ޕާޓީގެ މަޖިލިސް ބައެއް މެންބަރުން ވެސް ވަނީ ތާއީދު ކުރައްވައިފަ އެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ، އޭސީސީ އާއި ފުލުހުން ގުޅިގެން ތަހުގީގު ކުރުމަށްފަހު، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ އިސް 11 ބޭފުޅުންނަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކެއް، ގަރީނާއެއް ނެތް ކަމަށް ވިދާޅުވެ ޕީޖީ ޝަމީމް ވަނީ އެ ރިޕޯޓު އަނބުރާ ފޮނުވާލައިފައެވެ.

ފަހުން ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ރިވިއު ކޮށްދިނުމަށް އޭސީސީން ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ. އަދި ވެންޓިލޭޓަރު މައްސަލައިގައި ޕީޖީން ފާހަގަކުރި ނުކުތާތައް އަލުން ރިވިއު ކުރުމަށްފަހު އޭސީސީން ދެކޭ ގޮތް ލިޔުމުން ޕީޖީއަށް ވަނީ ހުށަހަޅައިފައެވެ.