ޚަބަރު

ފައިޒާ ވެކްސިންގެ 5850 ޑޯޒް ރާއްޖެ ގެނެސްފި

މުއާވިޔަތު އަންވަރު

ފައިޒާ ވެކްސިންގެ 5850 ޑޯޒް މިއަދު ރާއްޖެ ގެނެސްފި އެވެ.

ރާއްޖެއަށް މިއަދު ފައިޒާ ވެކްސިން ލިބިފައިވަނީ ކޮވިޑް-19 ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް) ފެސިލިޓީގެ ދަށުންނެވެ.

ފައިޒާގެ އިތުރުން ޗައިނާގެ ސިނޯފާމް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

މީގެ ކުރިން ވަނީ ކޮވެކްސް އިން ވަނީ ކޮވިޝީލްޑް ވެކްސިންގެ 12,000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފި އެވެ. އަދި ކޮވެކްސް އިން ރާއްޖެއަށް 113،850 ޑޯޒްގެ ވެކްސިން ލިބޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނެވެ. އަދި އޭގެ ފަހުން ސިނޯފާމް ވެކްސިން ދޭން ފަށާފައިވާ އިރު، މިހާތަނަށް ޖުމްލަ 220،768 މީހަކު ވަނީ ވެކްސިން ޖަހައިފަ އެވެ.

ރާއްޖެއިން ވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިންގެ 300،000 ޑޯޒް ގަންނަން މީގެ ކުރިން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ރާއްޖެއިން ގަންނަން ނިންމާފައިވާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް މި ހަފުތާގައި ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވަނީ ވިދާޅުވެފަ އެވެ.