އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ އެލްކޭޖީ އިން ފެށިގެން މަތީގެ ހުރިހާ ދަރުވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިިފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑު ކޭސްތައް އިތުރުވެފައިވާތީ، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެލްކޭޖީން ފެށިގެން ގުރޭޑް 6 ގެ ދަރިވަރުންގެ ކުލާސްތައް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. ނަމަވެސް ގުރޭޑް 7 އިން 12ގެ ދަރިވަރުން މީގެ ކުރިން ވެސް ކިޔަވަމުން އަންނަނީ ސްކޫލަށް ހާޒިރުވެގެންނެވެ.

ކޮވިޑުގެ ސަބަބުން މާލޭގެ ސްކޫލުތައް ބަންދުކޮށްފައި ހުންނަތާ އަހަރެއްހާ ދުވަސް ފަހުން އަލުން ސްކޫލުތައް ހުޅުވައި ކިޔެވުން ފަށާފައިވަނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމުން ދަށް ގްރޭޑްތަކުގެ ކިޔެވުން އޮންލައިން ކުރިއެވެ.

މީގެ ކުރިން ސުކޫލުތައް ބަންދުކޮށްފައިވަނީ، ކޮވިޑް ކޭސްތައް އިތުރުވެ، ބެލެނިވެރިން އެކަމަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރުމުންނެވެ. ނަމަވެސް އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ. މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދު ކުރަންޖެހޭ ހާލަތަށް ނުދާ ކަމަށާއި ސްކޫލުތަކުގައި އެޅިފައިވާ ފިޔަވަޅުތައް ރަނގަޅު ކަމަށެވެ.