ޚަބަރު

މިމަހުގެ 1ގެ ފަހުން ފެލިވަރުން ފުރި މީހުން ކަރަންޓީންވާން އަންގައިފި

އަލީ އަފާފް ރަމީޒު

މި މަހުގެ އެއްވަނަ ދުވަހުގެ ފަހުން ޅ. ފެލިވަރުން ފުރި މީހުން ކަރަންޓީނު ވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

ފެލިވަރުގައި މަސައްކަތް ކުރާ މުވައްޒަފަކު އިއްޔެ ޕޮޒިޓިވްވުމާ ގުޅިގެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ނައިފަރުން ކޮވިޑު ކޭސްއެއް ފެނިފައިވާތީ، މިމަހުގެ އެއްވަނަ ދުވަހުގެ ފަހުން އެ އެރަށުން އަތޮޅުތެރެއަށް ދަތުރު ކުރި މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތު ސެންޓަރަށް އަންގަން އެދޭ ކަމަށެވެ. އެ މުއްދަތުގައި ފެލިވަރުން ދަތުރުކޮށް 10 ދުވަސް ހަަމަނުވާ މީހުން، ޓެސްޓު ކުރުމަށްފަހު 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން މި މަހުގެ އެއްވަނަ ދުވަހުގެ ފަހުން ފެލިވަރުން މާލެ އައިސްފައިވާ މީހުން ވެސް މާލެ ހިޔާ ފުލޫ ކުލިނިކާއި ހުޅުމާލޭ ފުލޫ ކުލިނިކު އަދި ވިލިމާލޭ ފުލޫ ކުލިނިކުން ސާމްޕަލް ނެގުމަށާއި 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.