ށ. ނޫމަރާ/ ލިލީގެ އަބްދުލް މުހައިމިން އާދަމް އޭނާއަށް ބޮޑުބޭބެ ކިޔާ ކުޑަ އަންހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީ އަމަލެއް ހިންގި މައްސަލައިގައި، އޭނާ 20 އަހަރު ދުވަހަށް ޖަލަށް ލާން ނޫމަރާ މެޖިސްޓްރީ ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލް ކުރުމުން، އެ ހުކުމް ދަމަހައްޓަން ސުޕްރީމް ކޯޓުން އަމުރު ކޮށްފި އެވެ.
މިއީ 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހިނގާފައިވާ ކަމެކެވެ. ދައުވާގައި ބުނެފައިވަނީ އެ އަހަރުގެ ބޮޑު އީދު ބަންދުގައި އަބްދުލް މުހައިމިނު އޭނާގެ ދައްތަ ކަރިއިއަށް ޒިޔާރަތްް ކުރުމަށް، ދައްތަ ދިރިއުޅެމުން ދިޔަ ރަށަށް ގޮސް ދައްތަގެ ގޭގައި ހުރުމުގެ ތެރޭގައި އެއްރެއަކު އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖާ ނިދާ ކޮޓަރިއަށް ވަދެ ގަދަކަމުން އެކުއްޖާއާ ޖިންސީ އަމަލު ހިންގާފައިވާ ކަމަށެވެ.
މި މައްސަލައިގައި ނޫމަރާ މެޖިސްޓުރޭޓް ކޯޓުން ހުކުމް ކޮށްފައިވަނީ، އެ އަމަލު ހިންގާފައި ނުވާ ކަމަށް އަބްދުލް މުހައިމިނު ބުނި ނަމަވެސް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކީގެ މައްޗަށް ބިނާކޮށް އެކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން އަބްދުލް މުހައިމިނު 20 އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން ނޫމަރާ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލް ކުރި އެވެ. އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި މައްސަލަ ބަލައި ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ، އެ މައްސަލަގައި ހައިކޯޓުން ހުކުމް ކޮށްފައިވަނީ ކަމާބެހޭ ގާނޫނުތަކާ އެއްގޮތަށް ކަމަށް ނުވާތީވެ، އެ މައްސަލަަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑީޔާރުންގެ މަޖިލިސްގެ އިއްތިފާގުން ހައިކޯޓުގެ ހުކުމް ބާތިލް ކުރާ ކަމަށެވެ.
އަދި އެ މައްސަލައިގައި ނޫމަރާ މެޖިސްޓުރޭޓް ކޯޓުން، އަބްދުލް މުހައިމިނު އާދަމް 20 އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމަކީ ގާނޫނާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅައި އެ ހުކުމް ތަންފީޒު ކުރުމަށް އަމުރު ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު