މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތައް ބަންދު ކުރަން އެންގި އެންގުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބާތިލުކޮށްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުނު އިއުލާނެއްގައި މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތައް ބަންދު ކުރަން އެންގި އެންގުން ބާތިލުކޮށް، ބާކީ ހުރި ފިޔަވަޅުތައް އިތުރު ހަތް ދުވަހަށް ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.

އެ ފިޔަވަޅުތަކަކީ ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އަށް ބޭރަށް ނުކުތުން މަނާ ކުރުމާއި ފަސް މީހުންނަށްވުރެ ގިނައިން މީހުން އެއްވެ ނޫޅުމާއި ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުމާއި ދުވާ ޓްރެކްތަކާއި ސިނަމާތައް ބަންދުކުރުމާއި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި ކުޅިވަރު އަދި ކަސްރަތު ހަރަކާތްތައް ހުއްޓާލުމެވެ.

މި ފިޔަވަޅުތަކުގެ އިތުރަށް ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށް އެންގި އެންގުން މިރޭ ވަނީ ބާތިލުކޮށްފައެވެ.

މީގެ އިތުރުން ކެފޭ އަދި ރެސްޓޯރެންޓްތައްވެސް ރޭގަނޑު 10:30 ވަންދެން ހިދުމަތް ދެވޭނެ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް ގިނަވެ، މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް މިދިޔަ މަހުން ފެށިގެން ވަނީ ވަރުގަދަ ކޮށްފަ އެވެ. އަލުން ލުއިތައް ދޭން ފަށާފައިވާއިރު، ކޭސްތަކުގެ އަދަދު އަދިވެސް އުޅެނީ 100 އިން މަތީގައެވެ.