ކުޅުދުއްފުށި ސިޓީން އިތުރު ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ސިޓީ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ކުޅުދުއްފުށި ހޮސްޕިޓަލުން މިރޭ ބުނީ އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައި ވަނިކޮށް މިއަދު ޕޮޒިޓިވްވި ކޭސްއާ ގުޅިގެން މިހާތަނަށް އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެ ސިޓީން މިއަދު ފަސް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އެ ހޮސްޕިޓަލުން ބުނީ މިދިޔަ އާދިއްތަ ދުވަހުގެ ފަހުން އެ ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކުން މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށާއި އެފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ވެސް އެދޭ ކަމަށެވެ.
މީގެ އިތުރުން ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ނުނިކުތުމަށާއި ބޭރަށް ނުކުންނައިރު މާސްކު އެޅުމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.