ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ހުޅުމާލޭގައި ފުލެޓް އަޅަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އަޅައި ނުދީ، އަދި އެ ފައިސާ ވެސް ދީފައި ނުވާ މައްސަލައިގައި އައްމަޓީ ފިލައިގެން ގޮސް އުޅެމުން ދިޔައީ ސްރީލަންކާގައެވެ. އަދި 18 އޭޕްރީލް 2019 ގައި އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް އޮތީ ނެރެފައެވެ.
ފިލައިގެން އުޅެނިކޮށް ލަންކާ އިން އައްމަޓީ ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި އިންޓަޕޯލާ ގުޅިގެން އޭނާ ރާއްޖެ ގެނެސްފައިވަނީ މިއަދުއެވެ.
ފުލުހުން ބުނީ އައްމަޓީގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.
ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލާ ދިމާލުން ސީލައިފްއާ އެޗްޑީސީން ބިމެއް ހަވާލުކުރީ އެތަނުގައި 3000 ހައުސިން ޔުނިޓް އެޅުމަށްޓަކައެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް 280 މީހަކު، ކޮންމެ މީހަކު ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށް ވުރެ ގިނައިން އެ ކުންފުންޏަށް ވަނީ ފައިސާ ދައްކައިފައެވެ.
ނަމަވެސް އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، ހައުސިން ޔުނިޓްތައް އަޅާފައި ނުވުމާއި ފައިސާ ވެސް ދީފައިނުވާތީ، 200 އަށްވުރެ ގިނަ މީހުން އެ މައްސަލަ ކޯޓަށް ހުށަހެޅިއެވެ.
ނަމަވެސް ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެމީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ނިންމައިފައެވެ.
ސީ ލައިފްގެ މައްޗަށް ދައުވާކުރި މީހުންނަށް ބަދަލުދޭން އެއްބަސްވީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް ސީ ލައިފާ ހަވާލުކުރުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން އެ ކުންފުނިން ދައުލަތާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން 2018 ވަނަ އަހަރު ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ދޭންޖެހޭ 12 މިލިއަން ޑޮލަރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު