ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށްފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނޫން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ކޮމިޝަނުން މިގޮތަށް ބުނެފައި މިވަނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، އިއްޔެ މުއިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވާތީ އެވެ. އަދި އެކަމަކީ ސިޔާސީ ގޮތުން އޭސީސީން ކުރިކަމެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކީ ދުރާލާ ޕްލޭން ކުރެވިގެން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން ކުރިއަށްގެންދާ ތަހުގީގުތަކެއް ކަމަށާއި މައްސަލަތަކުގެ ތަހުގީގު ފަށާނެ ނުވަތަ ތަހުގީގު ނިންމުމަށް ޓާގެޓް ކަނޑައަޅައި މައްސަލަތައް ތަރުތީބު ކުރަނީ، ސިޔާސީ ވިސްނުމަކަށް ނުވަތަ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ނޫން ކަމަށެވެ.

ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގެ ތަހުގީގު ކުރިއަށްގެންދާނެ ގޮތުގެ ޕްލޭންކޮށް ތަހުގީގު ކުރިއަށްގެންދާނެ ގޮތާއި ތަރުތީބު ކަނޑައަޅާނީ ކޮމިޝަނުން ކަމަށްވެސް އޭސީސީން ބުންޏެވެ.

"މުއިއްޒު ކޮމިޝަނަށް ހާޒިރުކުރާކަން މީޑިއާއަށް ދީފައިވަނީ ކޮމިޝަނުން ނޫންކަމަށްވާއިރު، އެހެން ފަރާތަކުން އެކަން މީޑިއާއަށް ހިއްސާކޮށް، ކޮމިޝަނުގެ ތަހުގީގަށް ހާޒިރުކުރާ ކުރުމަކީ ސިޔާސީ ވަކި ވިސްނުމެއްގައި ކުރާކަމެއްކަން ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް،" އޭސީސީގެ ބަޔާނުގައިވެއެވެ.

އޭސީސީން ބުނީ އިއްޔެ މުއިއްޒު ހާޒިރުކޮށްފައިވަނީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް ނުފޫޒު ފޯރުވަންކަމަށް ވާހަކަ ދެކެވޭއިރު، ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކައުންސިލް އިންތިހާބު އިއުލާނުކުރި ފަހުންވެސް މީގެ ކުރިން މުއިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވާނެ ކަމަށެވެ.

އެހެންކަމުން މުއިއްޒު ކޮމިޝަނަށް ހާޒިރުކުރުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކޮމިޝަނުން ކުރާ ކަމެއް ކަމާށާއި އެއީ ވަކި ފަރާތަކުން އަންގައިގެން ކޮމިޝަނުން ކުރާ ކަމެއްކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފަށް އަދި ކޮމިޝަނާ މެދު އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެއްދުމަށް ދެކެވޭ ވާހަކަތަކެއް ކަމަށް އޭސީސީން ބުންޏެވެ.

މީގެ އިތުރުން ކޮމިޝަނުގެ ގާނޫނީ ވާޖިބު އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅުވައި ސޯޝަލް މީޑިއާގައި ކޮމިޝަނުގެ މެމްބަރުންނަށް ފުރައްސާރަ ކުރަމުންދާ ކަމަށެވެ. ނަމަވެސް، އެފަދަ ފުރައްސާރަތަކަށް ބެލުމެއްނެތި، ކޮމިޝަނުގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ފަސްނުޖެހި ދެމިތިބޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ.