އައްސޭރި ޖަލުގައި ތިބި އަހުލާގު ރަނގަޅު މީހުންނާއި ކުށްކުރުން މަދު މީހުން ފާހަގަކޮށް، އެފަދަ މީހުންނަށް މައާފުދިނުމުގެ ހާއްސަ އުސޫލެއްގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ފަރާތްތަކުގެ އަދަބު މައާފު ކޮށްދިނުމަށް އިލްތިމާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ، ޖަލުތަކުގައި ތިބި 200 އަށްވުރެ ގިނަ ކުށްވެރިން އެމީހުންގެ ކަންބޮޑުވުންތައް މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން މައްސަލަ ބަލައި، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުންނެވެ. އެ މައްސަލައިގައި ކޮމިޓީން އެކުލަވާލައި މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓުގައި 13 ކަމެއް ކުރުމަށް ވަނީ ހުށަހަޅައިގައެވެ.
އެގޮތުން ކުށްކުރާ ފަރާތްތަކަކީ ޖަލުގައި ބަންދު ކުރެވި މުޖުތަމައުން އެކަހެރި ކުރެވޭ ބަޔަކަށް ހެދުމުގެ ބަދަލުގައި "ނަން ކަސްޑޯޑިއަލް ސެންޓެންސް"ގެ ދަށުން ކުދި ކުށް ކުރާ މީހުން މުޖުތަމައަށް ބޭނުންތެރި ހިދުމަތެއް ކުރުމަށްފަހު އެ ކުރި ކުށަށް މައާފު ލިބޭނެ ނިޒާމެއް ގާއިމު ކުރުމަށާއި އަދި އެކަމަށް މަގުފަހިކުރުމަށްޓަކައި، ކަމާގުޅޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ވަނީ ހުށަހަޅައިފައެވެ.
ޖަލު ތަކުން މަސްތުވާތަކެއްްޗާއި މަސްތުވުމަށް ބޭނުންކުރާ ބޭހާއި ދުންފަތުގެ ބާވަތްތައް ފަސޭހަކަމާ އެކީގައި ލިބުމާއި ބޭސް ސިޓީއެއް ނެތި ގައިދީންނަށް ބައެއް ބޭސް ދެމުންދާކަމީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ބުނެ، އެފަދަ ކަންކަން ކުރިމަގުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޒިންމާދާރު ކަމާއެކީ ޖަލުތައް މޮނިޓާކުރުން މުހިންމު ކަމަށް ވެސް ހިމަނާފައިވެ އެވެ.
ގައިދީންނަށް ހައްގުވާ ކްލެމެންސީ ދިނުމުގައި ގިނަ ދުވަސްތަކެއްވުމާއި އަދި ކްލެމެންސީ ބޯޑުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވީ އެންމެ އަވަހަކަށް ގެނައުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.
ގައިދީންނަށް ހައްގުވާ ޕެރޯލް ދިނުމުގައި ގިނަ ދުވަސްތަކެއްވުމާއި އަދި ޕެރޯލް ބޯޑުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ވީ އެންމެ އަވަހަކަށް އިސްލާހު ގެނައުމަށް ވެސް ހުށަހަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު