ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެ ގެނެސްފި އެވެ.
ހުޅުމާލޭގައި ފުލެޓް އަޅަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އަޅައި ނުދީ، އަދި އެ ފައިސާ ވެސް ދީފައި ނުވާ މައްސަލައިގައި އައްމަޓީ ފިލައިގެން ގޮސް އުޅެމުން ދިޔައީ ސްރީ ލަންކާގަ އެވެ. އަދި 18 އޭޕްރިލް 2019 ގައި އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް އޮތީ ނެރެފަ އެވެ.
ފިލައިގެން އުޅެނިކޮށް ލަންކާ އިން އައްމަޓީ ހައްޔަރުކުރި ކަން ފުލުހުން ހާމަކުރީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އަދި އެދުވަހުން ފެށިގެން އިންޓަޕޯލްއާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށުން މިއަދު އޭނާ ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު ހުރީ ފުލުހުންގެ ބަންދުގައި ކަމަށް ބުންޏެވެ.
ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލާ ދިމާލުން ސީލައިފްއާ އެޗްޑީސީން ބިމެއް ހަވާލުކުރީ އެތަނުގައި 3000 ހައުސިން ޔުނިޓް އެޅުމަށްޓަކައެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް 280 މީހަކު، ކޮންމެ މީހަކު ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން އެ ކުންފުންޏަށް ވަނީ ފައިސާ ދައްކައިފަ އެވެ.
ނަމަވެސް އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، ހައުސިން ޔުނިޓްތައް އަޅާފައި ނުވުމާއި ފައިސާ ވެސް ދީފައިނުވާތީ، 200 އަށްވުރެ ގިނަ މީހުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ.
ނަމަވެސް ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ.
ސީ ލައިފްގެ މައްޗަށް ދައުވާކުރި މީހުންނަށް ބަދަލުދޭން އެއްބަސްވީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް ސީ ލައިފުން ހަވާލުކުރުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން އެ ކުންފުނިން ދައުލަތާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން 2018 ވަނަ އަހަރު ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ދޭންޖެހޭ 12 މިލިއަން ޑޮލަރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު