ހުރިހާ މިނިވަން ކޮމިޝަންތަކުގެ މެންބަރުންގެ ގޮތުގައި މަދުވެގެން އަންހެން ދެ މެންބަރުން ހިމެނުން ލާޒިމުކުރަން ކޮމިޝަންތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ، ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.
ރޮޒެއިނާ ވިދާޅުވީ، އެގޮތަށް ގާނޫނުން ލާޒިމު ކުރަނީ، އަންހެނުންނަށް ފުރުސަތު އިތުރު ކުރުމަށް ކަމަށާއި، އެކަމުގެ ސަބަބުން ހަމަހަމަ ފުރުސަތުގައި ކަންކަން ނިންމުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ރޮޒެއިނާ ހުށަހެޅުއްވި ބިލުގައި ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި އަންހެން ދެ މެންބަރުން ތިބޭ ގޮތަށް ވަނީ ލާޒިމް ކޮށްފައެވެ.
ސީއެސްސީގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ސިވިލްސާވިސް ކޮމިޝަން އެކުލެވިގެން ވާނީ ފަސް މެންބަރުންގެ މައްޗަށް ކަމަށެވެ.
އެ މާއްދާއަށް ރޮޒެއިނާ ހުށަހެޅުއްވި އިސްލާހުގައި ސިވިލްސާވިސް ކޮމިޝަން އެކުލެވިގެން ވާނީ ފަސް މެންބަރުންގެ މައްޗަށް ކަމަށާއި ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މަދުވެގެން އަންހެން ދެ މެންބަރުން ތިބެން ވާނެ ކަމަށެވެ.
ނަމަވެސް މި ގާނޫނަށް އަމަލުކުރަން ފަށާއިރު ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކޮށްފައިވާ މެންބަރުން ގާނޫނުގައިވާގޮތުގެ މަތިން މެންބަރުކަމުގެ މަގާމުން ވަކިވަންދެން އެ މަގާމުތަކުގައި ދެމި ތިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ކޮމިޝަންގެ މެންބަރުންގެ ޝަރުތު ތަކުގެ ތެރޭގައި، ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލު ކުރުމަށްފަހު ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ހިދުމަތް ކޮށްފައި ވާން ޖެހޭނެ ކަމަށް ބުނެފައިވާ، އެ ގާނޫނުގެ 12 ވަނަމާއދާގެ (އ) އަށްވެސް ރޮޒެއިނާ ވަނީ އިސްލާހު ހުށަަހަޅުއްވައިފައެވެ. އެގޮތުން ފުރަތަމަ ޑިގްރީއެއް ހާސިލު ކުރުމަށްފަހު ހިންގުމުގެ ދާއިރާއިން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހޭނެ ކަމަށް ބަދަލު ގެންނަން ވަނީ ހުށަހަޅައިފައެވެ.
ސީއެސްސީގެ މެންބަރުކަމަށް މީހުން އައްޔަން ކުރުމަށް ބޭނުންވާ މީހުންގެ ނަންތައް މަޖިލީހަށް ފޮނުވުމަށާއި، އެ ކޮމިޝަންގެ ރައީސްގެ މަގާމަށާއި ނާއިބު ރައީސްކަމުގެ މަގާމަށް މީހުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދިނުމަށާއި އެ މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކަށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަންވެސް ރޮޒެއިނާ ވަނީ ހުށަހަޅުއްވައިފައެވެ.
ސީއެސްސީގެ ގާނޫނުގެ 13 ވަަނ މާއްދާގެ (ށ)ގައި ބުނަނީ، ކޮމިޝަނަށް، މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައަޔިތުންގެ މަޖިލީހުގެ އިދާރާއިން އާއްމުކޮށް އިއުލާންކޮށް އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާކުރުމަށް ފަހު ކޮމިޓީގެ ރިޕޯޓް މަޖިލިހަށް ހުށަހޅާންވާނެ ކަމަށެވެ.
އެމާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ، ކޮމިޝަނަށް މެންބަރުން އައްޔަން ކުރާނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށާއި، ކޮމިޝަންގެ މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޝަނަށް މެންބަރުން އައްޔަންކުރަން އެއިރަކު އައްޔަން ކުރަން ޖެހޭ، އަދަދަށްވުރެ ތިން ނަމަށްވުރެ އިތުރު ނުވާނެ ގޮތަށް ރައީސް ހުށަހަޅުއްވާ ނަންތައް މަޖިލީހަށް ފޮނުވަންވާނެ ކަމަށެވެ.
ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ކޮމިޝަން މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސާއި ނާއިބު ރައީސެއް އައްޔަން ކުރަންވާނެ ކަމަށާއި، އެ މަގާމުތަކަށް މީހުން އައްޔަން ކުރަން ވާނީ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މަޖިލީހުން އައްޔަންކުރާ މެންބަރުންގެ ތެރެއިން މަޖިލިސް ޖަލްސާގައިން ފާސްކުރާ ފަރާތްތައް ކަމަށެވެ. ނަމަވެސް ސިއެސްސީގެ ރައީސާއި ނައިބު ރައީސް ގެ މަގާމަށް މީހުން އައްޔަމް ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، އެ ބޭފުޅުންގެ ނަން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ މާއްދާއަށް އިސްލާހު ގެންނަން ވަނީ ހުށަހަޅާއިފައެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ