ޚަބަރު

ވޯޓު ސިއްރު ނުވާ މީހުން ރީ ރެޖިސްޓްރީ ވުމަށް 24 ގަޑި އިރުގެ މުއްދަތެއް

ރިފާ ހަލީލު

ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް 24 ގަޑިއިރުގެ މުއްދަތު އިލެކްޝަނަސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މައުލޫމާތު ހިމެނޭ ލިސްޓެއް މިހާރު އާންމު ކޮށްފައިވާނެ ކަމަށެވެ.

އެހެންކަމުން މި ލިސްޓުގައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ލިސްޓު ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށާއި މު މުއްދަތުގެ ތެރޭގައި ރީ ރެޖިސްޓްރީ ނުކުރާ ފަރާތްތަކުން ވޯޓުލާން ޖެހޭނީ މިހާރުވެސް ރެޖިސްޓްރީ ކޮށްފައިވާ ތަނަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ރީ ރެޖިސްޓްރޭޝަން ފޯމު މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާ އަދި ސިޓީ ކައުންސިލް އިދާރާ ނުވަތަ އަވަށު އޮފީސްތަކުން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 01:00 އަށް ބަލައިގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި މާލޭގައި ނަމަ، ފޯމު ބަލައިގަންނާނީ އިންތިހާބާ ބެހޭ މަރުކަޒު (ބާ ޖަމާލުއްދީން) އިން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށް ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނީ ވޯޓު ސިއްރު ނުވާފަދަ ގޮތަކަށް ރެޖިސްޓްރީ ކޮށްފައި ތިބި 8000 މީހުން ތިބި ކަމަށެވެ.