އާސަންދައިން ބޭސް ދޫކުރާ ބައެއް ފިހާރަތަކުން ފްރޯޑް ބިލްތައް އާސަންދަ އަށް ފޮނުވާ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
އާސަންދަ ކުންފުނީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބުނީ ބޭސްފިހާރަތަކުން އެއް ބްރޭންޑެއްގެ ބޭސްތައް ވިއްކާ އަގު ތަފާތު ވުމުގެ ސަބަބުން އެއް އަގެއްގައި ވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ބޭސްފިހާރަތަކާއި މަޝްވަރާ ކުރުމަށްފަހު އެއް ބްރޭންޑެއްގެ ބޭސް އެއް އަގެއްގައި ވިއްކުމަށް ކަނޑައެޅި ކަމަށެވެ. އެގޮތުން އެއް ބޭހެއް އެކި ބޭސްފިހާރަތަކުން އެކި އަގުގައި ވިއްކަމުން ދާ މައްސަލަ ހައްލުކުރުމުގެ މަގުސަދުގައި، ސްކީމްގެ ތެރެއިން ބޭސްދޫކުރުމަށް ހުރިހާ ބޭހަކަށް ވަކި އަގުތަކެއް 2019 ވަނަ އަހަރުގެ ތެރޭގައި އާސަންދައިން ކަނޑައަޅާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ބޭސް ދޫކުރުމުގައި ބައެއް ފާމަސީތަކުން ބަލި މީހާއަށް އަގު ދަށް ބޭސް ދޫކުރުމަށްފަހު އަގު ބޮޑު ބޭހަށް އާސަންދައަށް ބިލްކުރާކަން ފާހަގަވެފައިވާ ކަމަށާއި އަދި ބައެއް ފަހަރު ދިގު މުއްދަތަށް ބޭސްކުރާ ފަރާތްތަކަށް ތިން މަސްދުވަހަށް ޑޮކްޓަރު ލިޔެދެއްވާ ބޭސް ސިޓީއަށް ދެމަސްދުވަހަށް ބޭސް ދޫކުރުމަށްފަހު، ތިން މަސްދުވަހުގެ ބޭހަށް އާސަންދައަށް ބިލްކުރުން ފަދަ ފްރޯޑް މައްސަލަތައްވެސް ފާހަގަކުރެވިފައިވާ ކަމަށް އާސަންދަ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި މިފަދަ މައްސަލަތައް ބެލުމަށްފަހު، އޮންނަ އުސޫލުގެ ތެރެއިން ވާނީ ފިޔަވަޅު އަޅާފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އާސަންދައިން ބުނީ މިފަދަ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުންނާއި ސްކީމްގެ ހިދުމަތްތައް ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފޯރުކޮށްދިނުމަށް އާސަންދަ މޮބައިލް އެޕްލިކޭޝަން "ވިނަވި" ޕޯޓަލް ތައާރަފު ކޮށް މިޕޯޓަލް ބޭނުންކުރާ ހުރިހާ މަރުކަޒަކުން، ސްކީމްގެ ދަށުން ކޮންމެ ރައްޔިތަކުވެސް ހޯދާ ހިދުމަތްތަކާ ނަގާފައިވާ ބޭސްތައް އެޕް މެދުވެރިކޮށް ޗެކްކުރެވޭނެ ކަމަށެވެ. މިގޮތަށް ޗެކްކުރާއިރު ޝައްކު އުފެދޭ އެއްވެސް ކަމެއް ފާހަގަވާ ނަމަ އެޕް މެދުވެރިކޮށް އާސަންދައަށް ޝަކުވާ ހުށަހެޅޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅަނީ ވަކިވަކި ބޭހަށް ކަމުން، ކޮންމެ ޖެނެރިކެއްގެވެސް ސްޓްރެންތާއި ޑޯސޭޖް ފޯމް ދިމާވާ ނަމަ، މިހާރުވެސް އާސަންދަ ޕޯޓަލްގެ ތެރެއިން އެބޭސްތައް ފެންނަން ހުންނާނެ ކަމަށާއި އަދި މިހާރުވެސް އެއް ޖެނެރިކެއްގެ މިދެންނެވުނު ކެޓެގަރީގައި ހިމެނޭ، ރަޖިސްޓްރީ ކުރެވިފައިވާ ބޭހެއް ނަމަ، ޕޯޓަލްގެ ތެރެއިން ދޫކުރެވެނީ އެބޭހަކަށް ކަނޑައެޅިފައިވާ އަގުގައި ކަމަށްވެސް އާސަންދައިން ބުނެފައިވެ އެވެ.
އާސަންދައިން އިތުރަށް ބުނީ ބައެއް ބޭސްތަކަކީ ވަކި ބަޔަކަށް މާކެޓް އެކްސްކޫލިސިވިޓީ ދީފައިވާ (އެއް ވެންޑާ ފިޔަވާ އެހެން ވެންޑާ އަކަށް އެތެރެ ނުކުރެވޭ ގޮތަށް ހުންނަ) ބޭސްތަކަކަށްވުމުން، އެފަދަ ބޭސްތައް ހަމައަގަށް ގެނައުމުގައި އެކުންފުންޏަށްވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި މިފަދަ މާކެޓް އެކްސްކްލޫސިވިޓީ ދެވިފައިވާ ބޭހެއް ކަމަށްވާ ޒޮވަންޓާ ބޭހުގެ އަގަށް ބަދަލު ގެނައުމަށް އެ ބޭސް އެތެރެކުރާ ފަރާތާ އެކު މަޝްވަރާކޮށް، އެ ބޭހުގެ އަގަށް ގެނެވުނު ބަދަލުގެ ސަބަބުންވެސް، އަހަރަކު ގާތްގަނޑަކަށް ބާރަ މިލިޔަން ރުފިޔާ ސްކީމް ހަރަދުން ކުޑަކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އާސަންދަ
އާސަންދަ
އާސަންދަ