އަމިއްލަ ސިއްހީ ފެސިލިޓީތަކުން ހިދުމަތް ހޯދާ މީހުންގެ ތެރެއިން މަހަކު 60,000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން ކޯ ޕޭމަންޓެއް ނަގަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ އެ ގޮތަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ކޯ ޕޭ-މަންޓުގެ ގޮތުގައި ނަގާނީ 15 ޕަސަންޓު ކަމަށްވެސް އެ އިއުލާނުގައި ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އުސޫލަށް އަމަލުކުރަން ފެށުމަށް ނިންމާފައި ވަނީ ސަރުކާރުގެ ސިއްގީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ފިޔަވައި އަމިއްލަ ފަރާތްތަކުން ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަނުން ހިދުމަތް ހޯދާ މީހުންގެ އަތުންނެވެ. ނަމަވެސް އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ހާލަތްތަކުގައި ހިދުމަތްތައް ފޯރުކޮށްދޭނީ މިހާރުވެސް ޢަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މަހަކު 60,000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުގެ ތެރެއިން ބައެއް މުހިންމު ދާއިރާތަކުގެ ފަންނީ މުވައްޒަފުން މި ކޯ-ޕޭމަންޓް ނެގުމުގެ އުސޫލުން ވަނީ އިސްތިސްނާކޮށްފައެވެ. އެގޮތުން ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން އަދި އިންޖިނިއަރުންނާއި ސައިންސްގެ ދާއިރާތަކުގެ ފަންނީ މުވައްޒަފުން މި ނިޒާމުގެ ތެރެއިން އިސްތިސްނާވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ބަދަލަކީ ދައުލަތުގެ ސިއްހީ އިންޝުއަރެންސް ނިޒާމު އިތުރަށް ހަރުދަނާކޮށް، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި އާސަންދައިގެ ހިދުމަތް ކުރިއަށް ގެންދިއުމަށްޓަކައި އެޅުމަށް ނިންމާފައިވާ ފިޔަވަޅެއް ކަމަށެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
ކޮމެންޓް