ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ސިޔާސީ ހަރަކާތް ހިންގުމުގެ ހަމަހަމަ ފުރުސަތު އިދިކޮޅު ފަރާތްތަކަަށް ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.
މި މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ، ޑިމޮކްރަސީގެ އަސާސީ އެއް ސިފަޔަކީ މިނިވަން މުސްތަގިއްލު އިންތިހާބެއް ބޭއްވުން ކަމަށް ވީހިނދު ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަރާތްތައް އެ ހައްގުން މަހުރޫމް ކޮށްފައިވާ ކަމަށެވެ.
ދައުލަތުގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދޭން ގާނޫނުއަސާސީގެ 18 ވަނަ މާއްދާއިން ލާޒިމްކޮށް، 26 ވަނަ މާއްދާއިން ލިބިދޭ ވޯޓު ލުމުގެ ހައްގު ކަށަވަރު ކުރަން ޖެހުމާއި މިނިވަން މުސްތަގިއްލު އިންތިހާބެއް ބޭއްވުމަށް ގާނޫނުއަސާސީގެ 170 ވަނަ މާއްދާއިން، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމުކުރާ ހާލަތަށް މިހާރު ބެލެން ނެތް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ހަމަހަމަ ފުރުސަތުތަކަށް އިހުތިރާމް ނުކުރުމާއި ކޮވިޑް ގައިޑްލައިން ތަކުން ބަނދެވި، ރަށު ބަންދުގައި ވީހިނދު އެޗްޕީއޭގެ ގައިޑްލައިންތަކުގެ ސިޔާސީ މަންފާ އެންމެ ފުޅާ ދާއިރާއެއްގައި ނަގައި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ މެންބަރުން ކަރަންޓީނު ވުމެއް ނެތި އަތޮޅު ތެރެއަށް ގޮސް ރައްޔިތުންނާ ބައްދަލުކޮށް ސިޔާސި ހަރަކާތްތައް ސިއްރާއި ފާޅުގައި ހިންގަމުންދާ ކަމަށެވެ.
އެފަދަ އެއްވެސް ފުރުސަތެއް ވާދަވެރި ނުވަތަ އިދިކޮޅު ފަރާތްތަކަށް ފަހި ކޮށްދީފައި ނެތުމަކީ، ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުން ކަމަށް ދެކޭނެ ފުރުސަތު އޮތުމުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދެމުންދާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
މި މައްސަލައަށް ހުށަހެޅުމުން، މައްސަލަ ބަލައިގަނެ، ބހުސް ކުރުމަށް، ޖަލްސާގައި ތިއްބެވި 38 މެންބަރުންގެ ތެރެއިން 30 މެންބަރުން ވޯޓު ދެއްވައިގެން ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް