ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ވެކްސިން ޕްރޮގްރާމުގެ ދަށުން މިއަދު 1،856 މީހަކު ވެކްސިން ޖަހައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި 1،856 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ. އެއާއެކު މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމުލަ 220،768 މީހަކު ވަނީ ވެކްސިން ޖަހައިފަ އެވެ.
މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 1،597 މީހަކު ވެކްސިން ޖަހާފައިވަނީ މާލެއިންނެވެ. މާލޭގައި މިހާރު ދެމުން އަންނަނީ ޗައިނާ އިން އުފައްދާ ސިނޯފާމް ވެކްސިނެވެ. އަތޮޅުތެރެއިން މިއަދު 1،597 މީހަކު ވެކްސިން ޖެހިއެވެ. މިހާތަނަށް ވެކްސިން ޖެހި ޖުމުލަ މީހުންގެ ތެރެއިން މާލެއިން 123،227 މީހަކު އަދި އަތޮޅުތެރެއިން 97،541 މީހަކު ވެކްސިން ޖަހާފައި ވެއެވެ.
މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ދަނީ ވެކްސިން ޖަހައިދެމުންނެވެ.
އަތޮޅުތެރޭގައި މިހާރުވެސް ދެމުން އަންނަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 200،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފަ އެވެ. މާލޭ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ދިނުން މެދުކަނޑާލާފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.
ރާއްޖޭގައި މިވަގުތު 18،000 ޑޯޒްގެ ސިނޯފާމް ވެކްސިން އެބަހުއްޓެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފަ އެވެ.
މިދިޔަ ހަފުތާގެ ހޯމަ ދުވަހު ރާއްޖޭގައި ސިނޯފާމްގެ އިތުރުން ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު