ބާސެލޯނާއިން ރޭ ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުގައި 6-1 ގެ ނަތީޖާއަކުން ރެއާލް ސޮސިއެދާދު ބަލިކޮށްފައިވާއިރު، އެ މެޗު އެންމެ ހާއްސަވީ ކެޕްޓަން ލިއޮނަލް މެސީއަށެވެ. މެސީ ބާސާ ޖާޒީގައި 768 މެޗު ކުޅެފައިވާއިރު، އޭނާ އަކީ މިހާރު ބާސާ ޖާޒީގައި އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާއެވެ. މީގެ ކުރިން ޒަވީ ހެނާންޑޭޒް އަތުގައި އެ ރެކޯޑު އޮތް ނަމަވެސް ރޭގެ މެޗާއެކު މެސީ ވަނީ ޒަވީއަށްވުރެ މެޗެއް އިތުރަށް ކުޅެފައެވެ.
އުމުރުން 33 އަހަރުގެ އާޖެންޓީނާ ފޯވަޑް މެސީ، މި ސީޒަނަށްފަހު ބާސާ ދޫކޮށްލާނެ ކަމަށް ކުރިން ބުނެފައިވާއިރު، މި ސީޒަންގައި އޭނާއަށް ރެކޯޑު ހެދުމަކީ ހިތްހަމަ ޖެހުމަކަށް ވާނެއެވެ. ރޭގެ މެޗުން މޮޅުވެ ބާސާއިން އެތުލެޓިކޯ މެޑްރިޑާ ހަތަރު ޕޮއިންޓް ގާތުގައި އޮތްއިރު، ރޭ އެތުލެޓިކޯއިން ކުޅުނު މެޗުން އެޓީމު މޮޅުވީ ކުރިން ބާސާއަށް ކުޅުނު ފޯވަޑް ލުއިސް ޝުއަރޭޒްގެ ކެރިއަރުގައި ޖެހި 500 ވަނަ ގޯލާއެކުގައެވެ.
ބާސާއިން ކުޅުނު މެޗުގައި އެންޓޮއިން ގްރީޒްމަން ގޯލް ހުޅުވާލަދިންއިރު، ސާޖީނޯ ޑެސްޓް ވަނީ ދެ ގޯލް ޖަހާފައެވެ. މެސީވެސް ދެ ގޯލް ޖަހާފައިވާއިރު، އަނެއް ގޯލް ޖަހައިދިނީ އުސްމާން ޑެމްބޭލޭއެވެ.
މެސީ މިހާތަނަށް މި ސީޒަންގެ ލީގުގައިވެސް 23 ގޯލް ހަމަކޮށްފައިވާއިރު، ރޭގެ މެޗުގައިވެސް އޭނާ ފެނުނީ އާދަޔާ ހިލާފު މޮޅު ފޯމެއްގައެވެ. ރޭގެ މެޗުގައި ޑެސްޓް ޖެހި ފުރަތަމަ ގޯލަށް އެސިސްޓް ކޮށްދިނީވެސް މެސީއެވެ. އޭނާ ވަނީ މިހާތަނަށް ސީޒަންގައި އަށް އެސިސްޓެއް ފުރިހަމަ ކޮށްފައެވެ.
މެޗުގައި ސޮސިއެދާދުން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އެންޑާ ބަރެނެޓްޒެއާއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު