ޝަރޫ ލޯންޗް ސާވިސް އިން އެއް މިލިއަން ޑޮލަރު ގަތުމަށްޓަކައި، ފެނަކަ ކޯޕަރޭޝަނުން، އެ ކުންފުންނަށް ދެއްކި 17.8 މިލިއަން ރުފިޔާ ތިންމަސް ދުވަހުގެ ތެރޭގައި އަނބުރާ ފެނަކައަށް ދެއްކުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލައިގައި ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި، އެ ފައިސާ އަނބުރާ ދެއްކުމުގެ ޒިންމާ އެ ކުންފުނީގެ ޑިރެކްޓަރުން ފަރުދީ ގޮތުން ވެސް އުފުލަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
އެއް މިލިއަން ޑޮލަރު ގަންނަން ފެނަކަ އިން ޝަރޫ އަށް 17.8 މިލިއަން ރުފިޔާ ދެއްކިޔަސް، ޝަރޫ އިން ފެނަކަ އަށް ދިން ޑޮލަރު ޗެކުތައް ވަނީ ބައުންސްވެފަ އެވެ.
އެ މައްސަލައިގައި، ފައިސާ ހޯދަން ފެނަކަ އިން ސިވިލް ކޯޓުގައި ދައުވާކުރީ ޝަރޫ ކުންފުންޏާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށެވެ. އެ ފައިސާ އަނބުރާ ފެނަކަ އަށް ދައްކަން ޝަރޫގެ މައްޗަށް ސިވިލް ކޯޓުން 2017 ގައި ހުކުމް ކުރިއެވެ. ނަމަވެސް ޝަރޫގެ ޑިރެކްޓަރުން އެކަމަށް ފަރުދީ ގޮތުން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް އެ ހުކުމްގައި ބުނެފައިވެއެވެ.
ޝަރޫގެ ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ކަނޑައެޅި ބައި ފެނަކަ އިން އިސްތިއުނާފު ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ކުންފުނިތަކަކީ ޑިރެކްޓަރުންނާ ވަކިން އޮންނަ ވަކި ގާނޫނީ ޝަހްސަކަށް ވިޔަސް، ކުންފުނިތައް ނިވައިފަތްގަނޑަކަށް ބޭނުން ކޮށްގެން ކުރާ ކަންކަމަށް ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ ކުރުވިދާނެ ކަމަށް ކުންފުންޏާ ބެހޭ ގާނޫނުގައިވާ ކަމަށެވެ. ޝަރޫއަކީ ބޭރު ފައިސާ ގަނެ، ވިއްކުމުގެ ހުއްދަ ނެތް ކުންފުންޏަކަށް ވާއިރު، ޑޮލަރު ވިއްކުމަށްޓަކައި ފައިސާ ނެގުމަށް ފަހު، ޑޮލަރު ނުލިބި އަދި ދިވެހި ފައިސާ ވެސް އަނބުރާ ފެނަކަ އަށް ނުލިބުމުގެ ޒިންމާ އެ ކުންފުނީގެ ޑިރެކްޓަރުން ފަރުދީ ގޮތުން އުފުލަން ޖެހޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުން ހުކުމް ކޮށްފައި ވަނީ، ފެނަކަ އަށް ޝަރޫ އިން ދައްކަން ޖެހޭ 17.8 މިލިއަން ރުފިޔާ ދެއްކުމުގެ ޒިންމާ ޝަރޫ ކުންފުނީގެ އިތުރުން އޭރު އެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ތިބިި ސަބާހް އަހުމަދާއި މުހައްމަދު މުޝްތާގުގެ އިތުރުން ޝަރުމީލާ ޒުބައިރު އުފުލަން ޖެހޭނެ ކަމަށެވެ. އެހެންވެ، އެ ފައިސާ ތިން މަސް ތެރޭގައި ކޯޓަށް ދައްކަން ޝަރޫ ކުންފުންޏާއި އެ ތިން މީހުންނަށް އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.
މި މައްސަލައިގައި ފެނަކައިގެ ވެރިން ވެސް ޒިންމާ ކުރުވަން ޖެހޭ ކަމަށްވެސް މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައި ހިމަނާފައި ވެއެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައި ވިދާޅުވެފައިވަނީ ޝަރޫ އަކީ ބޭރު ފައިސާ ގަނެ، ވިއްކުމުގެ ހުއްދަ ނެތް ކުންފުންޏެއް ކަން އެނގި ތިބެ ފެނަކަ ކޯޕަރޭޝަނުން އެ ކުންފުންޏަށް ފައިސާ ދޫކުރީ ބަލަން ޖެހޭ މިންވަރަށް ބެލުމެއް ނެތި ކަމަށެވެ. އެހެންވެ، އެކަމުގައި ބައިވެރިވި ފެނަކަ ކޯޕަރޭޝަންގެ އޭރުގެ ޑިރެކްޓަރުންނާއި އެކަމުގައި އުޅުނު ބަޔަކު ވެސް އޭގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވެފައިވެ އެވެ.
ފަނޑިޔާރު ނިޔާޒްގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ރައޫފެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު