މި މަހުގެ ދެ ވަނަ ދުވަހުގެ ފަހުން ރ. އުނގޫފާރުން ފުރި މީހުން ކަރަންޓީނު ވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގި ނަމަވެސް އެ މުއްދަތުގައި އެ ރަށަށް ވަޑައިގަތް ސަރުކާރުގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ވަފުދު ކަރަންޓީނު ވެފައި ނުވާ ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފި އެވެ.
އުނގޫފާރުން ކޮވިޑު ކޭސްތަކެއް ފެނިފައިވާތީ، މި މަހުގެ ދެ ވަނަ ދުވަހުގެ ފަހުން އެ އެރަށުން އަތޮޅުތެރެއަށް ދަތުރު ކުރި މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތު ސެންޓަރަށް އެންގުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އެ މުއްދަތުގައި އުނގޫފާރުން ދަތުރުކޮށް 10 ދުވަސް ހަމަ ނުވާ މީހުން، ޓެސްޓު ކުރުމަށްފަހު 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އެހެން ކަމުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރުކުރާ އިމާރާތުގެ ބިންގާ އެޅުމަށް މިމަހުގެ އަށް ވަނަ ދުވަހު އެ ރަށަށް ގޮސް ހަމަ އެ ދުވަހު އެ ރަށުން ފޭބި ސަރުކާރުގެ ވަފުދު ކަރަންޓީނު ވާކަށް ނުޖެހޭނެ އެވެ. ސަބަބަކީ އެ މީހުން އެ ރަށުން ފޭބި ފަހުން 10 ދުވަސް ވެފައިވާތީ އެވެ.
އުނގޫފާރުން ކޮވިޑް-19ގެ ކޭސްތަކެއް ފެނިފައިވާތީ އެކަމާ ހިތާމަކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުނގޫފާރުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށް ސިއްހީ ފަރުވާ ދިނުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.
އުނގޫފާރުން ކޯވިޑް ކޭސްތައް ފެނުމާގުޅިގެން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެރަށަށް ދަތުރުކުރި އެންމެން ކަރަންޓީނު ވުމަށް އަންގާކަން ފާހަގަކޮށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ، ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި މަޖިލިސް ބައެއް މެންބަރުންވެސް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބޭފުޅުން މި މަހުގެ އަށް ވަނަ ދުވަހު އުނގޫފާރަށް ވަޑައިގެން ރައްޔިތުންނާ ވެސް ބައްދަލުކޮށް އެރަށުގައި ހަރަކާތްތެރި ވެފައިވާ ކަމަށެވެ.
"އެބޭފުޅުން ކަރަންޓީ ނުވާން ނާންގާތީ މި ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަމެވެ. އުނގޫފާރުގައި ކޯވިޑް-19 ފެތުރިގެން ދިއުމަކީ މުޅި އަތޮޅަށްވެސް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަކަށްވެފައި އެހެން އަތޮޅުތަކުންވެސް އުނގޫފާރަށް ދަތުރުކުރި މީހުން ކަރަންޓީ ނުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން އަންނައިރު ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ކަމާއެކު އުސޫލުތައް ތަންފީޒު ކުރުމަށް މިކޯލިޝަނުން ގޮވާލަމެވެ،" އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ހާއްސަ ހުއްދައިގެ ދަށުން ކުޅުދުށްފުށްޓަށް ދަތުރުކުރި މީހަކު ޕޮޒިޓިވް ވުމާއި، ހަމަ އެފަދަ ހުއްދައެއްގެ ދަށުން ދަތުރު ކުރި ފަރާތްތަކެއްގެ ފަރާތުން އައްޑޫ ސިޓީގައި މީގެކުރިން ކޮވިޑް ފެތުރި އެތައް ބަޔަކު ޕޮޒިޓިވް ވެ އެސިޓީއަށް އަރައިފޭބުން މަނާކުރި ކަން އިދިކޮޅުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވިކަން ފާހަގަކޮށް އިދިކޮޅުގެ ބަޔާނުގައި ވަނީ، ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ކަރަންޓީނު ވެވަޑައިގަތުމެއްނެތި ބޮޑު ވަފުދަކާއެކު އައްޑޫސިޓީއަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.
"މިކަމުގައި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތުމާއެކު މިއީވެސް މިކޯލިޝަނުން ފާހަގަކުރާކަމެއް،" އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު