ހާއްސަ ހާލަތްތަކުގައި ފުރާ މީހުން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ނަން ނޯޓް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.
އެޗްޕީއޭ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް މިހާރުވެސް ވަކި ބަޔަކަށް ދެމުން އަންނަ ކަމަށާއި އެއީ ފުރަތަމަ ޑޯޒް ޖެހުމަށްފަހު އިމަޖެންސީ ހާލަތެއްގައި ފުރަން ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން އަށް ހަފުތާ ތެރޭގައި އެނބުރި ރާއްޖެ ނާދެވޭ މީހުންނަށް ކަމަށެވެ.
އެޗްޕީއޭ އިން މިރޭ ބުނީ ބޭސްފަރުވާއަށް ނުވަތަ ތައުލީމް ހާސިލުކުރުމަށް ބޭރަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ފުރަތަމަ ޑޯޒް ޖެހިތާ 8-12 ހަފުތާގެ ތެރޭގައި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކުރެވޭ ފަރާތްތައް، ނަން ނޯޓް ކުރަން އެދޭ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ޖެހިތާ ހަތަރު ހަފުތާ ވެފައިވާ މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ ދެވަނަ ޑޯޒް ޖަހަން ބޭނުންވާ ފަރާތްތަކުން 1676 އަށް ގުޅުމަށްފަހު ނަން ނޯޓް ކުރުމަށް ނުވަތަ އީމެއިލް ކުރުމަށް އެދޭ ކަމަށެވެ. އަދި ނަން ނޯޓް ކުރުމުން އެޕޮއިންޓްމެންޓް ހަމަޖައްސައި، ވެކްސިން ޖަހަން ހަމަޖެހިފައިވާ ތަނާއި ގަޑި އަންގާނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.
ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މިދިޔަ ހޯމަ ދުވަހު ހުއްޓާލުމަށް ފަހު، އަލުން މާދަމާ ވެކްސިން ދޭން ފެށުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން މާދަމާ ދޭން ފަށާނީ ޗައިނާ އިން އުފައްދާ ސިނޯފާމް ވެކްސިނެވެ.
މީގެ ކުރިން ރާއްޖޭގައި ދެމުން އައީ އޮކްސްފޯޑް-އެސްޓްރާޒެނެކާ "ކޮވިޝީލްޑް" ވެކްސިނެވެ. ރާއްޖޭގައި މިހާތަނަށް 218،912 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު