ސީޒަންގެ މިހާތަނަށް އައިއިރު މުބާރާތްތައް ކުޅެން ޖެހޭ ތަރުތީބަށް ބަލާއިރު، ހުރިހާ މުބާރާތެއް ހުއްޓާލައިގެން ތިބުމަކީ ހައްލެއް ނޫން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
އެޗްޕީއޭގެ އެންގުމަށް ފުޓުބޯޅަ ސީޒަން މެދުކަނޑާލައިގެން ތިބެން ޖެހުމުގެ ސަބަބުން ކްލަބުތަކާއި ކުޅުންތެރިންނަށް ދިމާވާ ދަތިތަކުގެ ވާހަކަ ފާހަގަކުރައްވައި ބައްސާމް ނެރުއްވާފައިވާ ނޫސް ބަޔާނެއްގައި ގިނަ ކަންބޮޑުވުންތަކެއް ވަނީ ފާހަގަކުރައްވައިފައެވެ. ސީޒަން ހުއްޓާލަން ޖެހުމާ ގުޅިގެން ކުޅުންތެރިންނާއި ކްލަބުތަކަށް ދިމާވާ ދަތިތަކުގެ މަޝްވަރާތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިތުރުން ޔޫތު މިނިސްޓްރީއާއެކު ކޮށްވެސް ހައްލެއް ހޯދިފައި ނުވާ ކަމަށް އެ ބަޔާނުގައި ބައްސާމް ވަނީ ފާހަގަކުރައްވައިފައެވެ.
ބައްސާމް އިތުރަށް ވިދާޅުވީ ކޮވިޑް 19ގެ މި ހާލަތުގައިވެސް އާންމު ދިރިއުޅުމުގައި އަދާކުރާ ވަޒީފާތައް އަދާކުރުމުގެ ފުރުސަތު އެތައް ދާއިރާއަކުން އެބައޮތް ކަމަށާއި ރާއްޖޭގެ އެންމެ ބޮޑު ޕްރޮފެޝަނަލް އިންޑަސްޓްރީ، ފުޓުބޯޅައިގެ ތެރޭގައި އުޅޭ ފަރާތްތަކަށް ވަޒީފާ އަދާކުރުމަށް ހުރަސް އެޅިފައި އޮތުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
މި އަހަރުގެ ސީޒަނަށް އެފްއޭއެމްއިން ތައްޔާރުވީ ފީފާއާއި އޭއެފްސީގެ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވެގެން، އެޗްޕީއޭގެ އެޕްރޫވަލްއާއެކުގައި ނަމަވެސް، ސީޒަން މެދުތެރެއިން ލީގު މެދުކަނޑާލަން ޖެހުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. ހާއްސަކޮށް ތިންވަނަ ޑިވިޝަންގެ ކްލަބުތަކުން މުބާރާތަށް ހަފްތާއަކަށް ވެފައި އޮތުމުން، ކްލަބުތަކަށް ގެނެސްފައިވާ ބިދޭސީ ކުޅުންތެރިންނާއި ލޯކަލް ކުޅުންތެރިންނަށްވެސް މުސާރަ ދޭން ޖެހިފައި އޮތުމުން އެ ކްލަބުތަކަށްވެސް މާލީ ބޮޑެތި ގެއްލުންތައް ކުރިމަތިވާކަންވެސް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
އޭއެފްސީގެ ގްރޫޕް ސްޓޭޖު ބާއްވަން ފުރުސަތު ލިބި، އެ ފުރުސަތު ދިވެހި ކްލަބުތަކަށް އެންމެ އެކަށީގެންވާ ގޮތެއްގައި ހިފެން ނެތުމާއެކު ބައްސާމް ވަނީ އެކަމުގެ ކަނަބޮޑުވުންވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން ސަރަހައްދީ އެހެން ހުރިހާ ގައުމެއްގައި ލީގުތައް ކުރިއަށް ގޮސް، އޭއެފްސީ ކަޕަށް ޓީމުތަކަށް ރަނގަޅު ތައްޔާރީތަކެއް ވުމަކީ އެ މުބާރާތުގައި ވާދަކުރަން އޮތް ދިވެހި ކްލަބުތަކަށް ބޮޑު ޗެލެންޖަކާ ކުރިމަތިވާނެ ކަމެއް ކަމަށާއި އޭގެ ސަބަބުން ސަރަހައްދީ ލެވެލްގައި ދިވެހި ކްލަބުތަކަށް ލިބެން އޮތް ފުރުސަތުތައް މަޑު ޖެހިގެންދާނެ ކަން ބައްސާމް ފާހަގަކުރައްވާފައިވެއެވެ.
އެކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރަށް ބައްސާމް ގޮވާލައްވާފައިވާ އިރު، ބައްސާމް އިތުރަށް ވިދާޅުވީ ފުޓުބޯޅަ މެދުކެނޑިފައި އޮތް އޮތުމުން ގައުމީ ޓީމަށްވެސް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ރޯދައިގެ ފަހުން ކުޅެން ޖެހިފައި އޮތް މެޗުތަކަށް ގައުމީ ޓީމަށް އެއްވެސް ވަރަކަށް ތައްޔާރުވުމުގެ ފުރުސަތު ނުލިބި، އެ މެޗުތަކަށް ދާން ޖެހުމަކީ ކުރިމަތިލާން ޖެހޭނެ ބޮޑު ވެއްޓުމެއް ކަމަށްވެސް ބައްސާމް ވަނީ ފާހަގަކުރައްވައިފައެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން ފަރިތަކުރުންތަކަށް ނުކުތްތާވެސް މަހެއްހާ ދުވަސް ވެފައިވާ އިރު، އަދިވެސް ލީގު ނުފެށި އޮތް އޮތުމަކީ ބޮޑު މާޔޫސްކަމެއް ކަން ކްލަބުތަކާއި، ފުޓުބޯޅައިގެ އިސް އޮފިޝަލުން ދަނީ ފާހަގަކުރަމުންނެވެ. އެކަން ވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ފާހަގަކުރައްވައިފައެވެ. އެހެންނަމަވެސް އެޗްޕީއޭއަކުން އަދި ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ.
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް