ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމެޓީއަށް، ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) މާދަމާ ހާޒިރު ކުރުމަށް ނިންމައިފި އެވެ.

އިގުތިސާދީ ކޮމެޓީގެ ނައިބު މުގައްރިރު އަދި މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) މިއަދު “ވަން”އަށް ވިދާޅުވީ، މާދަމާގެ ކޮމެޓީއަށް އެޗްޕީއޭ ހާޒިރު ކުރަން ނިންމާފައިވަނީ އެ އިދާރާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހޮޓާ/ރެސްޓޯރެންޓުތަކަށް ލިބެމުން އަންނަ ގެއްލުމާއި ގެއްލުންތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

އެ މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވީ ވެސް ބޮންޑޭ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މާލެ ސަރައްހަދުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ އިރު، ރޭގަނޑު 8:00 ގައި ކެފޭތައް ބަންދު ކުރުމަށް އެޗްޕީއޭ އިން ކުރިން އޮތީ ނިންމައިފަ އެވެ. އެ ނިންމުން މުރާޖާ ކޮށް ރޭގަނޑު 10:30އާ ހަމައަށް ކެފޭތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އެޗްޕީއޭ އިން ދީފައި ވަނީ މިއަދު އެވެ.

މީގެ ކުރިން ރޭގަނޑު 8:00 ގައި ކެފޭތައް ބަންދު ކުރަން ނިންމުމާ ގުޅިގެން، ކެފޭ އަދި ރެސްޓޯރެންޓުގެ ހިދުމަތްދޭ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބައެއް ވިޔަފާރިތައް ބަނގުރޫޓް ވަމުންދާ ކަމުގެ ޝަކުވާތައްވެސް ކޮށްފައިވެއެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަނާއި މޯލްޑިވްސް އީސްޓާސް ޔޫނިއަންގައި ބައިވެރިވާ ކެފޭތަކާއި ރެސްޓޯރެންޓްތައް 48 ގަޑިއިރަށް ބަންދުކޮށް، ހަޅުތާލަކަށް ދާން ވެސް ކުރިން ނިންމި އެވެ.