ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް އިދިކޮޅު ޕީޕީއެމް އިން ވެރިކަން ކުރާ އެމްޑީޕީގެ ލޯގޯ އާއި ކުލަ ބޭނުން ކުރަމުންދާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީގެ ކުލަ އާއި ލޯގޯ، އިދިކޮޅުގެ ލޯގޯއާއި ކުލައާ އެއްކޮށްގެން ކެމްޕެއިން ހިންގުމަށް ބޭނުންކުރަމުންދާ ކަމަށެވެ. އަދި އެކަން ކުށްވެރިކޮށް އެމްޑީޕީން ބުނީ، އެގޮތަށް ވޯޓު ހޯދުމަށް މަސައްކަތް ކުރުމަކީ އިދިކޮޅުން ހިންގާ ގައިރު ގާނޫނީ އަދި ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެކޭ އެއްފަދައިން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެމްޑީޕީން ވާދަކުރަނީ ކޯލިޝަނަކާ ނުލައި، ޕާޓީގެ ނަމުގައި އެކަނި ކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ޕީޕީއެމް/ޕީއެންސީ އަކީ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ވާދަވެރި ފަރާތްކަމަށް އެ ޕާޓިން ވަނީ ބުނެފަ އެވެ.

"އެހެންކަމުން އެމްޑީޕީގެ ލޯގޯއާއި ކުލަ، ޕީޕީއެމްގެ ލޯގޯއާ އެއްކޮށްގެން ޕީޕީއެމް އިން ކެމްޕޭންކުރަމުންދާ ދިއުން ވަގުތުން ހުއްޓައިލުމަށް އެ ފަރާތްތަކަށް ގޮވާލަމެވެ. އަދި ގާނޫނާ ހިލާފަށް އެމްޑީޕީގެ ލޯގޯއާއި ކުލަ ޕީޕީއެމް އިން ބޭނުންކުރާ މައްސަލަ ބައްލަވައިދެއްވައި، ފިޔަވަޅު އަޅުއްވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.