ރ. އުނގޫފާރުން އިތުރު ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ރޯގާ ޖެހިގެން އުނގޫފާރު ފުލޫ ކްލިނިކަށް ދެއްކި މީހަކު އިއްޔެ ޕޮޒިޓިވް ވުމުން އެރަށް ވަނީ އިއްޔެ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

އެރަށު ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީ "ވަން" އަށް މިއަދު ވިދާޅުވީ، އެރަށުން މިއަދު އިތުރު ފަސް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން އެކަކުގެ ސާމްޕަލް އަލުން ޓެސްޓު ކުރަން ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.

ނާސިރު ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުން 21 ގެއެއްގައި އެބަތިބި ކަމަށާއި އެ ހުރިހާ ގެއެއް ވެސް މިހާރު ކަރަންޓީނަށް ލާފައިވާ ކަމަށެވެ. އަދި އިތުރު ކޮންޓެކްޓުން ދެނެގަނެ، ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓުވި މީހުން އެ އަތޮޅުގެ އެހެން ރަށްރަށުގައި ވެސް އެބަތިބި ކަމަށާއި އެމީހުން ވެސް ދެނެގަތުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ.