އިދިކޮޅު ޕީޕީއެމް/ ޕީއެންސީން މާލޭގައި އިއްޔެ ބޭއްވި މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ތެރެއިން ފުލުހުންނަށް ހަމަލާދިން ކަމުގެ ތުހުމަތު ކުރެވޭ ދެ މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފި އެވެ.

އިއްޔެގެ މުޒާހަރާ އިން ޖުމުލަ 25 މީހަކު ފުލުހުން ހައްޔަރުކުރި އެވެ. ފުލުހުން މިއަދު ބުނީ އެ މީހުންގެ ތެރެއިން 23 މީހުން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އެމީހުން ޖޫރިމަނާ ކުރީ އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފަށް މުޒާހަރާ ކުރުމުންނެވެ. ފުލުހުންނަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު އަދި ގޮތެއް ނުނިންމާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާއްޖެ އަޅުވެތިކުރުމާ ދެކޮޅަށް ކަމަށް ބުނެ އިދިކޮޅުން މާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލު ހިމެނިވަޑައިގަންނަވަ އެވެ.

އިދިކޮޅުން އަންނަނީ ކޮންމެ ހުކުރު ދުވަހަކު ވެސް މާލޭގައި މުޒާހަރާ ކުރަމުންނެވެ. އަދި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވާ ވަގުތުގެ ކުރިން ޕީޕީއެމް އޮފީސް ކުރިމަައްޗާއި މުޒާހަރާގެ ބައިވެރިން އެއްވާ ތަންތަނުގައި ފުލުހުން ފޯރި ވެސް މަރަ އެވެ. ނަމަވެސް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި މުޒާހަރާގެ ބައިވެރިން މާލޭގެ މަގުތަކަށް ނުކުމެ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވެ، އެއްވުންތަކާއި ހަފުލާތަކާއި ޖަލްސާތައް ބޭއްވުމާއި ފަސް މީހުންނަށް ވުރެ ގިނައިން އެއްވުން ވަނީ މަނާކޮށްފަ އެވެ. އަދި އެކަންކަމާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެއާއެކު އިދިކޮޅުގެ މުޒާހަރާތަކުން މިފަހުން ހައްޔަރު ކުރި އެންމެން ވެސް ޖޫރިމަނާ ކުރުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.