ހުސެއިން ޝަމީމް

މަސްތުވާތަކެތީގެ ފައިސާ ބޭނުންކުރި ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރުންގެ ދައުވާ އުފުލައިފި

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ބޭނުންކުރި ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެ އެވެ.

ޝަމީމު އޭނާގެ އަމިއްލަ ބޮލުގައި ޝާއިއުކުރައްވާފައިވާ ލިޔުމެއްގައި ވިދާޅުވީ, މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އޮތް އެންމެ ބޮޑު އަދި ހައްލުކުރަން އެންމެ އުނދަގޫ އެއް މައްސަލަ ކަމަށެވެ. އަދި އެކަމަށް އެކަށީގެންވާ ހައްލެއް ގެންނަން، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ސިޔާސަތަށް ބަދަލު ގެނެސްގެން ކުރެވޭނެ ކަމަކީ ކޮބައިތޯ ބަލާއިރު އެއީ ފައިސާގެ ފަހަތުން ދިއުން ކަމަށް ވިދާޅުވި އެވެ.

އެކަން ކުރުމަށް ސިޔާސަތު ބަދަލު ކުރަމުން އަންނަކަން ފާހަގަކުރައްވައި ޝަމީމު ވިދާޅުވީ, 2020 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ ކުރާއިރު, އެ މައްސަލައިގައި ހިމެނޭ ފައިސާ ދައުލަތަށް ނެގުމުގެ ބައި ވަކިން ދައުވާގައި ހިމަނަން ފަށާފައިވާ ކަމަށާއި އެކަމަށް އިންޓާނަލް މެމޯއެއް ވެސް ނެރެފައިވާނެ ކަމަށެވެ.

އެކަމުގެ ބޭނުމަކީ އެ ފައިސާ ދައުލަތަށް ނަގައި, މަސްތުވާތަކެއްޗާ ގުޅިގެން ދައުލަތުން ހިންގާ ޕްރޮގްރާމްތަކަށް އެ ފައިސާ ހަރަދު ކުރުން ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެގޮތަށް ހުށަހެޅި މައްސަލައެއް އަދި ނުނިމޭ ކަމަށާއި އެ މައްސަލަތައް ނިމެން ފެށުމުން އެގޮތަށް ފައިސާ ގެންގުޅޭ މީހުންނަށް, އެމީހުން ޖަލަށް ލާފައި އަދި ފައިސާކޮޅު ވެސް ނަގާނެކަން އެނގޭނެ ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.

ޝަމީމު ވިދާޅުވީ, ސިޔާސަތުގެ ދެވަނަ ބަޔަކީ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާ "ދޮންނަ" ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް، މަނީލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދައުވާ ކުރުމެވެ.

އެގޮތުން މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ނ) ބުނާ ގޮތުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަކީ، އެކުށާ ގުޅިގެން މަނީ ލޯންޑްރިންގެ ދައުވާ ކުރެވޭ ކުށެއް ކަމަށާއި އެ ގާނޫނުގެ ދަށުން، މަސްތުވާތަކެތި ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި އެމީހުންގެ އަނބިންނާއި ފިރިންނާއި ގާތްތިމާގެ މީހުން ވެސް ފައިސާ ގެންގުޅުމުގައި ބައިވެރިވެއްޖެ ނަމަ ދައުވާ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މަނީ ލޯންޑްރިންގެ ކުށަކީ އާދައިގެ ކުށެއް ނޫން ކަމަށާއި އެކުށް ސާބިތުވުމުގެ ނަތީޖާ ވެސް ވަރަށް ތަފާތުކަން ފާހަގަކުރައްވައި ޝަމީމު ވިދާޅުވީ, އެ ގާނޫނުގެ އަށް ވަނަ މާއްދާގައި، ކުށްކޮށްގެން ހޯދާ މުދާ މާނަކޮށްދީފައިވަނީ، ކުށްކޮށްގެން ހޯދާ ފައިސާ ނުވަތަ މުދަލާއި އެފައިސާ ނުވަތަ މުދަލުން ހޯދާ ނުވަތަ ބަދަލުކޮށްފައިވާ މުދަލާއި އެ މުދާ އިންވެސްޓްކޮށްގެން ލިބޭ މުދާ ވެސް ހިމަނައިގެން ކަމަށެވެ.

އެހެންކަމުން މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާއިން ފިހާރައެއް ހުޅުވާފައި ހުރިނަމަ، އެ ފިހާރައަކީ ވެސް އެ ގާނޫނުގެ ދަށުން ދައުލަތަށް ނެގޭނެ މުދަލެއް ކަމަށް ޕީޖީ ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ, އެ ބާވަތުގެ ފުރަތަމަ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އެއީ ގދ. ތިނަދޫ/ ރަންގަލް، ހަސަން ލޫތާއި ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ހަސަން ރަޝީދާއި ތ. ތިމަރަފުށި/ ވައިޓްރޯސް، އިސްމާއީލް ޝަރީފު އާއި މއ. ހަސްލަތު/ ޝަނިޔާ އިބްރާހީމް، 12 ޖަނަވަރީ 2021 ވަނަ ދުވަހު އިތުރު ބަޔަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތި ޓްރެފިކް ކުރާ ކަމަށް ތުހުމަތު ކުރެވިގެން މާލޭގެ ހަތަރު ގެއެއް ބަލައިފާސްކޮށް ފުލުހުން ހިނގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައެވެ.

އެމައްސަލައިގައި އެ ހަތަރު މީހުންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ ހުށަހަޅާފައިވާނެ ކަމަށް ޕީޖީ ޝަމީމު ވިދާޅުވި އެވެ.