ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން މެދުކަނޑާލުމަށް ފަހު، ހާއްސަ ކެޓަގަރީގެ މީހުންނަށް ފުރަތަމަ ޑޯޒު ދިނުން މާދަމާ ފަށާނެ ކަމަށް މީގެ ކުރިން އިއުލާނު ކުރި ނަމަވެސް މާދަމާ ވެކްސިން ދިނުން ނޯންނާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ، މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ވެކްސިން ޖެހޭނެ ތާރީހެއް އެ އެޖެންސީން ފަހުން އިއުލާނެ ކުރާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން މެދުކަނޑާލާފައި ވަނީ، މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.

  • އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބަލި ޖެހިއްޖެނަމަ ސިއްހީ ހާލަތު ގޯސްވެދާނެ ހައި ރިސްކު މީހުން
  • މިހާރު ޕޮޒިޓިވްވެ އެކަހެރިވެފައިވާ މީހުންނާއި ބެލި ޖެހުނުކަން ކަށަވަރުވެ 28 ދުވަސް ހަމަނުވާ މީހުން
  • ކޮންޓެކްޓަކަށްވެ ކަރަންޓީނުގައި ތިބި މީހުން
  • ދަތުރުކުރުމާ ގުޅިގެން ކަރަންޓީނުގައި ތިބި މީހުން
  • ބައްޔެއްގެ ސަބަބުން ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހިފައިވާ މީހުން

ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 200،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފަ އެވެ.

މާލޭ ސަރަހައްދުން ވެކްސިން ދެމުންދިޔައީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް ވެކްސިން ޖެހުމުގެ މަސައްކަތްތައް ކުރިއަށްގެންދެއެވެ.

ހެޔޮއެދޭ ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި 10،000 ޑޯޒްގެ ސިނޯފާމް ވެކްސިން ވަނީ ގެނެސްފަ އެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި މިހާތަނަށް 218،046 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ.