ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވްވެ، ރ. އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕީއާރު އޮފިޝަރު ހަސަން ފަޒީލް "ވަން" އަށް ވިދާޅުވީ، އެ ރަށުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ރޯގާ ޖެހިގެން ފުލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށެވެ.

އެ ރަށު ކައުންސިލުން ބުނީ، ޕޮޒިޓިވްވި މީހާގެ ފިރިމީހާ އަކީ މާލެ ދަތުރުކުރާ ބޯޓެއްގެ ކެޕްޓަން ކަމަށެވެ. އަދި މީގެ ދެތިން ދުވަސް ކުރިން އެ ބޯޓު އެ ރަށަށް އައި ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

އުނގޫފާރުން ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވެ ރަށް މޮނިޓަރިންނަށް ލާފައިވާ އިރު، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.