ހެޔޮ އަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު އަމަލަކީ ދެމިހުންނަނިވި ގޮތުގައި ކުރެވޭ އަމަލު ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ސިއްހީ ގޮތުންނާއި އުމުރުގެ ގޮތުން، އެކި މީހުންގެ ހާލަތު ތަފާތު ކަމަށާއި އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ އަމަލުކުރަން ޖެހޭ ކަމަށެވެ.

"މާތް ނަބިއްޔާގެ އިރުޝާދުފުޅުތަކަށް ބަލާއިރު، މާތްﷲ ގެ ހަޟްރަތުގައި ހެޔޮ އަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު އަމަލަކީ ދެމިހުންނަނިވި ގޮތުގައި ކުރެވޭ އަމަލެވެ.،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ މިހާރު ވޭތިކުރަމުން މިދަނީ ޝައުބާންމަހުގެ ދުވަސްތައް ކަމަށާއި މި މަހަކީ އެތައް ގޮތަކުން ހާއްސަ މަހެއް ކަމަށެވެ. އެއީ މިމަހަކީ ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ މައްސަރުކަމަށް ވުމުން ކަމަށެވެ.

"ޝައުބާން މަހުގެ ހަނދު ފެނުމާއެކު ރޯދައިގެ މާތްކަމާއި، ރޭއަޅުކަމާއި، ހެޔޮ އަމަލުތައް، ކޮންމެ މުސްލިމެއްގެ ހިތަށް ވަދެގެންދެއެވެ. ޝައުބާން މަހު އަޅުކަމުގައި ހީވާގިވުމަކީ ރަމަޟާންމަހު އަޅުކަމުގައި މަސްއޫލުވުމަށް ލިބޭ ތަމްރީނެއް ކަމުގައި ވާތީއެވެ.،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ "ވެހޭތާ ފެންނަގާށޭ" ބުނާ ފަދައިން ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހޭ ކަމަށާއި ހެޔޮ އަމަލު ކުރުމުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ގިނަގިނައިން ހެޔޮ އަމަލުކުރުމަކީ ގަސްދަކާ ނުލައި ކުރެވޭ ފާފަތަކުން މާތްﷲ އަޅުގަނޑުމެން ސަލާމަތްކުރައްވާނެ ކަމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.