ސާބިތު ނުހިފޭ ދޮގު މައުލޫމާތުތަކަށް ބުރަވެ ހަބަރު ފެތުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.
އެމްއެމްސީން މިގޮތަށް ބުނެފައި މިވަނީ އިންޑިއާ ސަރުކާރާ ގުޅިގެން އުތުރުތިލަފަޅު ތަރައްގީ ކުރުމަށް ސޮއިކޮށްފައިވާ ކަމަށް ބުނާ އެއްބަސްވުމެއްގެ ބައެއް މާއްދާތަކާ ގުޅޭ ގޮތުން މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ހަބަރުތަކަކާ ގުޅިގެންނެވެ. ނަމަވެސް ޑިފެންސް މިނިސްޓްރީން ވަނީ މީޑިއާތަކުން ގެނެސްދިން ހަބަރުތައް ދޮގުކޮށްފަ އެވެ.
އެމްއެމްސީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ފަތުރާ މައުލޫމާތާއި ހަބަރަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތަކަށްވާނަމަ، ނުވަތަ މުޖުތަމައުގެ އާންމު މަސްލަހަތާއި ރާއްޖެ އާއި ދޭދޭ ގައުމުތަކުގެ ގުޅުންތަކުގެ މަސްލަހަތު އޭގައި ހިމެނޭ މައުލޫމާތެއްނަމަ، އެފަދަ ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ސާބިތު ނުހިފޭ ދޮގު މައުލޫމާތާއި ތޯތޯ ވާހަކަތަކަށް ބުރަވެ ހަބަރު ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްގަކަށް އުނިކަމެއް އަތުވެދާނެ ފަދަ މައުލޫމާތަކަށްވަނަމަ, އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ އެ ކައުންސިލުގެ ގާނޫނާއި ދިވެހި މީޑިއާގެ އާންމު ހަމަތަކާ ވެސް ހިލާފު ކަމެއް ކަމަށް ވެސް ބުންޏެވެ.
އެ ކައުންސިލުން އިތުރަށް ވަނީ ހަބަރެއް ފަތުރާއިރު އެކަމެއްގައި ޝާމިލުވާ ފަރާތްތަކުގެ ބަސް ހޯދަން ޖެހޭނެ ކަމަށާއި އަދި ނޫސްވެރިން ފަތުރާ ހަބަރަކީ ތެދު ހަބަރުކަން ކަށަވަރު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށާއި އިސްލާމް ދީނާއި ހިލާފު ހަބަރާއި މައުލޫމާތު ނުފެތުރުމަށް ގޮވާލައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު