ގދ. ފިޔޯރީ/ އަތިރީގެ އަބްދުލް މުއިޒު މުއްތަފާ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި އަދާކުރަމުންދިޔަ ކެޕްޓަން ކަމުގެ ވަޒީފާ އިން ވަކިކޮށްފައިވަނީ ބޭއިންސާފުން ކަމަށް ކަނޑައަޅައި އޭނާ އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަ ކުރުމަށް ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.

އޭރުގެ ބްރިގޭޑިޔާ ޖެނެރަލް އަބްދުﷲ ޝަމާލް އާ ބައިވެރިވެގެން ޗީފް އޮފް ޑިފެންސް ފޯސް އަށް އެއްބާރުުލުން ދޭން ކަމަަށް ބުނެ ލިޔުން ތައްޔާރުކޮށް އެހެން މީހުންގެ ގާތުގައި ބުނެފައިވާ ގޮތާ ހިލާފަށް، ސިފައިންގެ ތެރޭގައި ހަމަނުޖެހުމާއި ބައިބައިވުން އުޅޭކަން ހާމަކުރުމުގެ ބޭނުމުގައި ސޯޝަލް މީޑިއާގައި އެ ލިޔުން އާންމުކޮށް، މުއިޒުގެ ކޮމާންޑުކަމުގެ ދަށުގައިވާ ޓްރޫޕްސް ބޭނުން ކޮށްގެން ނުރައްކާތެރި އަމަލުތަކެއް ހިންގުމުގެ ވިސްނުން ގެންގުޅެ، އެކަން ރާވާފައިވާތީ ކަމަށް ބުނެ، ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދުގެ ދެވަނަ ބާބުގެ ދެވަނަ މާއްދާގެ ހަ ވަނަ ނަންބަރާއި ތިން ވަނަ މާއްދާގެ ފަސްވަނަ ނަންބަރާއި ތިންވަނަ ބާބުގެ 34 ވަނަ މާއްދާގެ ހަތަރު ވަނަ ނަންބަރާ ހަވާލާދީ މުއިއްޒު ޑިފެންސް މިނިސްޓްރީގައި އަދާކުރަމުންދިޔަ ކެޕްޓަނެއްގެ ވަޒީފާއިން ވަކިކުރީ ނޮވެމްބަރު 30، 2013 ގައެވެ.

ނަމަވެސް އޭނާ މަގާމުން ވަކި ކުރި ނިންްމުމަކީ ގާނޫނުއަސާސީގެ 68 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުތަކުގެ ނިންމުންތަކާ ހިލާފަށް ނެޗްރަލް ޖަސްޓިސް އަދި "ޑިއު ޕްރޮސެސް"ގެ އަސާސީ ހައްގުތައް، މުއިއްޒު އަށް ލިއްބައިނުދީ ނިންމާފައިވާ ނިމުމަކަށްވާތީ އާއި އެ ނިންމުމުގެ ގާނޫނީ އަސާސް ނުވަތަ ބުރަދަން އުފަން ކުރުވާ ވާއިދަކީ ގާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައި ލާޒިމު ކުރާ ފަދައިން އާންމުކޮށް ޝާއިއު ކުރެވިފައިނުވާ ގަވާއިދަކަށްވާތީ ވަޒީފާއިން ވަކި ކުރަން ނިންމާފައިވާ ނިންމުން ބާތިލް ކޮށްދިނުމަށާއި އޭނާގެ ވަޒީފާ އަލުން އިޔާދަ ކުރުމަށް ދައުލަތުގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި ސިވިލް ކޯޓުގައި މުއިއްޒު ދައުވާ ކުރިއެވެ.

އެ މައްސަލަ ބަލައި އެ ކޯޓުން ހުކުމް ކުރީ، ޑިފެންސުން ނިންމާފައިވާ ނިންމުން ބާތިލު ކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، މުއިޒުގެ ފަރާތުން އެދިފައިވާ ގޮތަށް ޑިފެންސް މިނިސްޓްރީގެ މައްޗަށް އަންގާނެ ތަނެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ އެ ނިންމުން މުއިޒުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޑިފެންސް މިނިސްޓްރީން ނިންމާފައިވާ ނިމުން ބާތިލު ކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ކަމަށް ހައިކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، މުއިޒު ވަޒީފާ އިން ވަކި ކުރުމުގައި މައުލޫއީ އަދުލުވެރި ކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރެވިފައިނުވާ ކަމަށް ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އިގުރާރު ވެފައިވާތީ ހައިކޯޓުގެ، ގަޒިއްޔާއިން ކޮށްފައިވާ ހުކުމް ބާތިލުކޮށް އޭނާ ވަޒީފާއިން ވަކިކުރި އިރު ޑިފެންސް ފޯސްގައި އަދާކުރަމުންދިޔަ ވަޒީފާއަށް އޭނާ ރުޖޫއަ ކުރުމަށް ދައުލަތުގެ މައްޗަށް އަންގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ބޭއިންސާފުން ކަމަށްވާތީ، އޭނާއަށް އަދުލުވެރި ބަދަލު ހައްގުވާ ކަމަށް މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.

މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ދެން ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އެވެ.