މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) މެނެޖިން ޑިރެކްޓަރު ކަމާއި އެ ކުންފުނީގެ ބޯޑު ޑިރެކްޓަރު ކަމުން މ. ހަނީީޑިއު މުހައްމަދު އަހުމަދު ދީދީ ވަކިކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި 17.8 މިލިޔަން ރުފިޔާ ހޯދަން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީ ކަމާއި އެ ކުންފުނީގެ ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް އޭނާ އައްޔަންކުރީ، 16 އޭޕްރީލް 2007 ވަނަ އަހަރު އެވެ. އޭނާ އެމަގާމުން ވަކިކޮށްފައި ވަނީ 11 ޖަނަވަރީ 2014 ގައެވެ.

މި މައްސަލައިގައި މުހައްމަދު އަހުމަދު ދީދީ ދައުވާ ކުރަނީ، އެމްޑަބްލިއުއެސްސީ އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މައްޗަށެވެ.

އެ މައްސަލަ މިއަދު ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަހަޅުއްވަމުން މުހައްމަދު އަހުމަދު ދީދީގެ ގާނޫނީ ވަކީލު އިސްމާއީލް ވިޝާމް ވިދާޅުވީ، މުހައްމަދު އަހުމަދު ދީދީ މަގާމުން ވަކިކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.

އެ މައްސަލައިގައި އެމްޑަބްލިއުއެސްސީ އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާ ދެކޮޅަށް ހަތަރު ނުކުތާއެއް ވަކީލު ވަނީ ފާހަގަ ކުރައްވައިފައެވެ.

އެގޮތުން ގާނޫނުތަކާއި ގަވާއިދު ތަކާއި ރައްޔިތުންގެ މައްޗަށް އަމަލު ކުރުމަށް ސަރުކާރުން އަންގާ އެންގުންތަކާއި، ސަރުކާރުގެ ސިޔާސަތުތަކާއި، އާއްމުންނަށް ލިބެން ހުންނާނެ ގޮތަށް އިންތިޒާމުކޮށް، އާއްމުކޮށް ޝާއިއު ކުރަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށް، އެއީ އަސާސީ ހައްގެއް ގޮތަށް ސިފަކޮށްފައިވާއިރު، މުހައްމަދު އަހުމަދު ދީދީ މަގާމުން ވަކި ކޮށްފައިވާ އުސޫލަކީ އާއްމުކޮށް ޝާއިއު ކުރެވިފައިވާ އުސޫލެއް ނޫން ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

މި މައްސަލައަށް ޗެލެންޖު ކުރައްވައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ގާނޫނީ ވަކީލު ފާތުމަތު ޝިފާނާ ސަރުކާރު ކުންފުނި ތަކާއި ސަރުކާރު ހިއްސާވާ ކުންފުނި ތަކާއި ވިޔަފާރި އުސޫލުން ހިންގާ ތަންތަނަށް ސަރުކާރުގެ ފަރާތުން އައްޔަންކުރާ ޑިރެކްޓަރުން އައްޔަން ކުރުމާއި ވަކި ކުުރުމަކީ ޕްރަވަޓައިޒޭޝަން ބޯޑުން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ ތަފްސީލުތައް ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުއްވިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، މުހައްމަދު އަހުމަދު ދީދީ މަގާމުން ވަކިކުރީ ގާނޫނާ އެއްގޮތަށް ކަމަށް ބުނެ ދަށު ކޯޓުންނާއި ހައިކޯޓުން ނިންމުމާ ގުޅިގެންނެވެ.