ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާތީ އެޅި ހަރުކަށި ފިޔަވަޅުތައް އިތުރު ހަފުތާއަކަށް ދަމަހައްޓަން ނިންމައިފި އެވެ.
މާލޭ ސަރަހައްދުގެ ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ފިޔަވަޅުތައް ހަރުކަށިކޮށް ވަކި ވަގުތުތަކުގައި ކާފިއު ހިންގަން ނިންމާފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި މިއަދު ނެރުއްވި އެންގުމުގައި ބުނެފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު ހަފުތާއަކަށް ދަމަހައްޓާން ނިންމާފައިވާ ކަމަށެވެ.
މާލޭ ސަރަހައްދުގެ ކޮވިޑް ކޭސްތައް އިތުރުވަމުން ދިޔުމާ ގުޅިގެން މިދިޔަ މަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭގަނޑު 8:30 އިން ފެށިގން ފަތިހު 4:30 އަށް އެއްގަމު އުޅުނދު ދުއްވުން މަނާކުރި އެވެ. ނަމަވެސް ފަހުން މި ފިޔަވަޅު ވަނީ އިތުރަށް ހަރުކަށި ކޮށް ރޭގަނޑު 6:00 އިން ފަތިހު 4:30 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފަ އެވެ. ފަސް މީހުންނަށްވުރެ ގިނައިން މީހުން އެއްވެ ނޫޅުމާއި، ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުމާއި، ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އަށް ބޭރަށް ނިކުތުން ވެސް ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ޕާކުތަކާއި މައިޒާންތަކާއި ދުވާ ޓްރެކްތަކުގެ އިތުރުން ސިނަމާތައް ބަންދުކުރުމާއި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު އަދި ކަސްރަތު ހަރަކާތްތައް ހުއްޓާލުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.
ކުރު މުއްދަތަކަށް ޒަރޫރީ ބޭނުމެއްގައި އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކަށް ކޮވިޑް-19 އިގެ ނެގެޓިވް ޕީސީއާރު ނަތީޖާއެއް ބޭނުންވާނެ ކަމަށް އެޗްޕީއޭއިން އަންގާފައިވާއިރު ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި ހަފުލާތަކާއި ޕާޓިތައް ބޭއްވުން މަޑުޖައްސާލުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު