އައްޑޫގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އަންހެން މީހާ ހާލު ސީރިއަސްވެ އިތުރު ފަރުވާ އަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑު އިކުއެޓޯރިއަލް ހޮސްޕިޓާލް (އޭއީއެޗް) އިން ބުނެފި އެވެ.

އައްޑޫގައި މި އެކްސިޑެންޓް ހިނގާފައިވަނީ ދަރިފުޅު އައްޑޫ ހައި ސްކޫލަށް ގެންދިއުމަށްފަހު އެނބުރި މަރަދޫފޭދޫ އަށް ދަނިކޮށް ކަމަށް "ވަން" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ މަރަދޫ ފޭދޫގައި ދިރިއުޅެމުން އަންނަ އައްޑުސިޓި ހިތަދޫ އަންހެނަކަށެވެ.

އޭއީއެޗްގެ މީޑިއާ އޮފިސަރު "ވަން" މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އަންހެން މީހާގެ ބޮލަށް އަނިޔާވެ ހަށިގަނޑުގެ އެތެރެއަށްވެސް ލޭއެޅެމުންދާ ކަމަށެވެ. އަދި މޭ ކަށިގަނޑާއި ކޮނޑު ކަށިގަނޑު ބިންދައިގެން ގޮސްފަވާ ކަމަށްވެސް ވިދާޅުވި އެވެ.

އޮފިސަރު ވިދާޅުވީ އަންހެން މީހާއަށް އިމަޖެންސީގައި މިހާރުވެސް ފަރުވާދެމުން އަންނަ ކަމަށާއި ނަމަވެސް ހާލު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އައްޑޫ ސިޓީ ހަންކެނޑަ ބްރިޖާއި ފަސްދޮޅަސް ބޯޑާ ދޭތެރޭ ލިންކް ރޯޑުގައި ސައިކަލާއެކު ވެއްޓި އަނިޔާވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:45ގައި ލިބިފައިވާ ކަމަށެވެ.

އޮފިސަރު ވިދާޅުވީ މި ހާދިސާގައި އަނިޔާވި އަންހެން މީހާ އަށް އޭއީއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށާއި އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން މި ހާދިސާ ހިނގީ އެހެން އުޅަނދެއްގައި ޖެހިގެން ކަމެއް ނުވަތަ ސައިކަލު ކަހާލައިގެން ވެއްޓިގެން ކަމެއް ކަށަވަރުވެފައި ނުވާ ކަމަށެވެ.

މިހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލހުން ވަނީ ބުނެފަ އެވެ.