އުތުރުތިލަފަޅުގެ އެއްބަސްވުމުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން ދުރުކުރަން ކުރަންޖެހޭ މަސައްކަތް ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ ޖޮއިންޓު ކައުންސިލަށް ގަރާރެއް ހުށަހަޅައިފި އެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ބޭތިއްބުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފައިވާ ލިޔުމެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެއީ ސައްހަ ލިޔުމެއް ނޫން ކަމަށް ބުނެފަ އެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކައުންސިލަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އަވަށްޓެރި އިންޑިއާއާއެކު ސަރުކާރުން ހެދި އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ރައީސް އިހުމާލުވެ ވަޑައިގެންފައިވާ ކަމަށާއި އެތަނުގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް ސިއްރު ކޮށްގެން މިއަދާ ހަމައަށް ގެންގުޅުމަކީ ރައީސަށް ގާނޫނު އަސާސީން ލިބިވަޑައިގެންފައިވާ ބާރެއް ނޫން ކަމަށެވެ.
އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ކަންކަން ހިނގާ ދިޔަ ގޮތް ބެލުމަށް ކޮމިޝަނެއް އުފެއްދުމުގެ ބާރު އޮވެމެ، ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު ވެސް ރައީސް އެފަދަ ކަމެއް ނުކުރެއްވުމަކީ މިކަމުގައި ރައީސްގެ ބައިވެރިވުން އޮވެމެ، ހިގާފައިވާ ކަމެއް ކަމުގައި ބެލުމުގެ ޖާގައޮތް ކަމެއް ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.
އަދި އެ އެއްބަސްވުމުގެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ގަރާރުގައިވެ އެވެ.
ގަރާރުގައި އިތުރަށް ބުނީ، މި މައްސަލައަކީ ސަލާމަތީ ހިދުމަތްތަކާ ގުޅޭ މައްސަލައަކަށްވާތީ، މި މައްސަލައިގައި ސަލާމަތީ ހިދުމަތްތަކުން ކަންކޮށްފައިވަނީ ރަނގަޅަށްތޯ ބެއްލެވުމަކީ ރައީސްގެ ޒިންމާއެއް ކަމަށާއި އަދި ދައުލަތާއި ސިފައިންގެ އެއްމެ މަތީ ވެރިޔަކީ ރައީސް ކަމުގައި ވާއިރު، އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"ރައީސް ސޯލިހު ގާނޫނުއަސާސީއާ ހިލާފުވެ ވަޑައިގެން، ބޭރުގެ ހަތިޔާރު އެޅި ސިފައިންނަށް 60 އަހަރު ރާއްޖޭގެ ފަސްގަނޑުގައި ތިބެވޭ ގޮތަށް، ގޮތް ނެނގޭ އެއްބަސްވުންތަކެއް އަވަށްޓެރި އިންޑިއާއާއެކު ހަދައި، އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ގޮތަށް އޭގައި އެއްބަސްވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ އެއްބަސްވުން ބާތިލު ކުރުމަށާއި އަދި ރައީސްގެ ފަރުވާކުޑަކަމާއި އިހުމާލުވުން ބޮޑުކަމާއި ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ނުހިއްތަވާ ކަމަށް ގަބޫލުކުރެވޭތީވެ، ރައީސް މަގާމުން ދުރުކުރަން ކުރަންޖެހޭ އެއްމެހައި މަސައްކަތްތައް ކުރުމަށް ގޮވާލަން،" ގަރާރުގައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު