ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި، އެތަނުގެ މުވައްޒަފުންނާއި ތަކެއްޗާއި ފައިސާ، ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލު ކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން މަޖިލީހުގެ ރައީސް ވަނީ އެ ގާނޫނުގެ ފުރަތަމަ ކިޔުން އިއްވަވައިފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ މި ބިލުގައި ބުނެފައި ވަނީ، މި ބިލު ހުށަހެޅީ ރާއްޖޭގެ ކަނޑު ދަތުރުކުރުމާއި އެއްގަމު ދަތުރު ކުރުމުގެ ކަންކަން ހިންގުން ހަރުދަނާ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު ގެ ދަށުން އުފައްދާފައިވާ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އެ އޮތޯރިޓީން ކުރަމުން ގެންދިޔަ މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައި ވާތީ އެ އޮތޯރިޓީ އުވާލައި އެތަނުގެ މުވައްޒަފުންނާއި މުދަލާއި ވަސީލަތްތައް މިނިސްޓްރީއަށް ބަދަލު ކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމާއެކު ގާނޫނު އުވާލުން ކަމަށެވެ.

މި ބިލުގައި ބުނެފައިވަނީ މި ގާނޫނަށް އަމަަލު ކުރަން ފެށުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލްސާވިސްގެ މުވައްޒަފުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މުވައްޒަފުން ކަމުގައި ހަމަޖެހުނީ ކަމަށެވެ.

މިގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގެ މިލްކުވެރިކަމުގެ ދަށުގައި، ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ފައިސާ އާއި ވަސީލަތްތަކާއި ދައުލަތުގެ ބަޖެޓުން ޓްރާންސްޕޯޓް އޮތޯރިޓީއަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާ އާއި ގާނޫނީ ގޮތުންނާއި އެއްބަސްވުމުގެ ދަށުން އެ އޮތޯރިޓީއަށް ލިބޭ ހައްގުތަކާއި މަންފާތައްވެސް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުވީ ކަމަށް ބުނެފައިވެއެވެ.