އުތުރު ތިލަފަޅާ ގުޅޭ ގޮތުން ދެކެވޭ 20 މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލަ ތަހުގީގުކޮށް ބަލަން ގައުމީ ދިފާއީ ބާރުން ގޮވާލައިފި އެވެ.

"މިހާރު ވެސް ސޯޝަލް މީޑިއާގައި މި ދައުރުވަމުންދާ ލިޔުމާ ގުޅޭ ގޮތުން އެބައޮތް 20 މިލިއަން ޑޮލަރުގެ ރިޝްވަތު ސިފައިން ނަގާފައިވާ ކަމަށް. އެކަން ބަލަން ހުށަހަޅުއްވަން ވީ. މުޅި ލީޑާރޝިޕްގެ ފަރާތުން އަޅުގަނޑުމެން އިލްތިމާސް ކުރަން އެކަން ބަލަން ހުށަހަޅުއްވަން،" ޝަމާލް ވިދާޅުވި އެވެ.

އެ ވާހަކަތަކަކީ ވަރަށް ދެރަވަރުގެ ވާހަކަތަކެއް ކަން ފާހަގަކުރައްވައި ޝަމާލް ވިދާޅުވީ، އެއީ އަމިއްލަ ސިޔާސީ ބޭނުމެއް ހާސިލު ކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ކަންކަން ނުކުރެއްވުމަށް ޝަމާލް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ބޭތިއްބުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް ސޯޝަލް މީޑިއާއަށް އިއްޔެ ވަނީ ދޫކޮށްލާފަ އެވެ. އެކަން ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.

އެހެން ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އަދި އަސްލެއް ނެތް ލިޔުމެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.