އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ސަބަބުން އެމްއެންޑީއެފް އަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން އަންނާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ގައުމީ ދިފާއީ ބާރުގެ އެއް ޖެނެރަލް ފިޔަވައި ދެން ތިބި ހުރިހާ ޖެނެރަލުން ގުޅިގެން ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، އުތުރު ތިލަފަޅު އެއްބަސްވުމަކީ އެ ހުރިހާ ފަރާތްތަކެއްގެ މަޝްވަރާގެ ދަށުން ބަސް ލިބިގެން އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށެވެ.

އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ފެބްރުއަރީ 21 ވަނަ ދުވަހު އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަން ޝަމާލް ފާހަގަކުރެއްވި އެވެ.

"މި އެގްރީމެންޓުގެ ސަބަބުން ގައުމީ ދިފާއީ ބާރަށް ހަގީގަތުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން އަންނާނެ. ހަމަ އެއާ އެކު ކޯސްޓްގާޑުގެ މިފަދަ ފެސިލިޓީއެއް ހެދިގެން ގޮސްފިކަމަށް ވަންޏާ ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީއަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން އަންނާނެ ކަމަށް އަޅުގަނޑުމެން ލީޑަޝިޕުން ގަބޫލު ކުރަނީ،" ޝަމާލް ވިދާޅުވި އެވެ.

ކޯސްޓްގާޑުގެ އުޅަނދުފަހަރު މަރާމާތު ކުރުމަށްޓަކައި އުޅަނދުތައް ބަހައްޓާނެ ތަނެއްގެ ދަތިކަން ވަރަށް ބޮޑު ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެގޮތުން، ކޯސްޓްގާޑުގެ އިސްކަންދަރު މަރާމާތަށް ބޭނުންވެފައިވާތާ ހަތް އަހަރު ވެއްޖެ ކަމަށާއި ޣާޒީ މަރާމާތުކުރަން ޖެހުނު ފަހުން ތިން އަހަރު ވެއްޖެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި އުތުރު ތިލަފަޅު ތަރައްގީ ކޮށް ނިމުމުން އެ ހުރިހާ ކަމަކަށް ހައްލު ލިބިގެން ދާނެ ކަމަށް ޝަމާލް ވިދާޅުވި އެވެ.