ބާސެލޯނާއިން ރޭ ލަލީގާގައި ކުޅުނު މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ޖެހި ދެ ގޯލާއެކު އެޓީމުން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ހުއެސްކާއާ ދެކޮޅަށް ބާސާއިން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ މެސީއަށް ހާއްސަވެސް މެޗެކެވެ. ބާސާ ޖާޒީގައި އޭނާ ކުޅުނު 767 ވަނަ މެޗާއެކު އޭނާ ވަނީ ބާސާ ޖާޒީގައި އެންމެ ގިނަ މެޗު ކުޅުމުގައި ކްލަބު ލެޖެންޑް ޒަވީ ހެނާންޑޭޒް ހަދާފައިވާ ރެކޯޑާ ހަމަކޮށްފައެވެ.

ރޭގެ މެޗުން މޮޅުވެ ބާސާއަށް 27 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، އެޓީމުން ވަނީ އެއްވަނައާ އިތުރަށް ގާތަށް ޖެހިލައިފައެވެ. މި ހަފުތާގައި އެތުލެޓިކޯ މެޑްރިޑުން ކުޅުނު މެޗު އެއްވަރު ވެގެން ނިމިފައިވާއިރު، އެތުލެޓިކޯއަށް 27 މެޗުން ލިބިފައި ވަނީ 63 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ރެއާލްއަށް ލިބިފައި ވަނީ 27 މެޗުން 57 ޕޮއިންޓެވެ.

ބާސާ ދަނޑުން މެސީއަށް ހާއްސަ ބެނާއެއް ފެނިގެން ގޮސްފައިވާއިރު، މެސީ ވަނީ މެޗުގެ ކުރީކޮޅުގައި އޭނާގެ ފުރަތަމަ ގޯލް ޖަހާފައެވެ. ހާފް ނިމުމުގެ ކުރިން އެންޓޮއިން ގްރީޒްމަން އިތުރު ގޯލެއް ޖަހާފައިވާއިރު، ތާވަލުގެ ފުލުގައި އޮތް ހުއެސްކާއަށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

2018 ވަނަ އަހަރު ބާސާއާ ދެކޮޅަށް ހުއެސްކާ ކުޅުނު މެޗުން 8-2 އިން އެޓީމު ބަލިވެފައިވާއިރު، ރޭގެ މެޗުގައި އެޓީމު ޖެހި ގޯލަކީ ލިބުނު ޕެނެލްޓީއަކުން ޖެހި ގޯލެކެވެ. ފުރަތަމަ ހާފް ނިމެނިކޮށް ލިބުނު ޕެނެލްޓީ ގޯލަށް ވައްދާލީ ރަފާ މިރެވެ.

ދެވަނަ ހާފަށް ނުކުމެ ބާސާއިން އިތުރު ދެ ގޯލް ޖެހިއެވެ. ދެ ގޯލްގެވެސް ހިއްސާ އެންމެ ބޮޑީ މެސީއެވެ. މެސީގެ ހުރަހަކުން މިންގުއޭޒާ ބާސަގެ ތިންވަނަ ގޯލް ޖަހައިދިންއިރު، މެސީ ވަނީ ފަހު މިނެޓް ބާސާއަށް އިތުރު ގޯލެއް ޖަހައިދީފައެވެ.

ބާސާގެ 33 އަހަރުގެ ފޯވަޑް މެސީއާއެކު ކްލަބުން ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. ކްލަބާއެކު 10 ފަހަރަށް ލަލީގާ، ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައި ޖުމުލަ 34 ޓްރޮފީ މެސީ ވަނީ ބާސާ ޖާޒީގައި އުފުލާލައިފައެވެ. އެންމެ ބޮޑު ސުވާލަކަށް މިދިޔަ ސީޒަނުން ފެށިގެންވެސް ވެފައި އޮންނަނީ މެސީ މި ސީޒަނަށްފަހު ބާސާ ދޫކޮށްލާނެތޯ ކުރެވޭ ސުވާލެވެ.