ޕީރިއަޑްވާ އުމުރުގެ އަންހެނުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ، ޕީރިއަޑް ދުވަސްވަރު ތަދު ގެ ވޭން ތަހައްމަލު ކުރަން ޖެހޭ މީހުންނެވެ. ޕީރިއަޑް ތަދު ނުވަތަ މެޑިކަލް ގޮތަށް ބުނާނަމަ ޑިސްމެނޯރިއާއަކީ އާއްމުކޮށް ކޮންމެ މަހެއްގެވެސް ޕީރިއަޑްގެ ފުރަތަމަ ދެތިން ދުވަހު ތަހައްމަލުކުރަން ޖެހޭ ވޭނެކެވެ. ޕީރިއަޑްގެ ސަބަބުން، ބޮލުގަ ރިއްސުމާއި މިނޫންވެސް އެހެނިހެން އުނދަގޫތައް ކުރިމަތިވަނީ، ބަނޑުގައި އަޅާ ވޭނުގެ ސަބަބުންނެވެ.
މިދުވަސްވަރު ބަނޑުގައި ރިއްސަން މެދުވަރިވަނީ، ރަހިމުގެ ފަށަލައެއް ނެތިގެން ދާތީއެވެ. އެކަމުގެ ސަބަބުން، ބަނޑުގައި ރިއްސުމުގެ އިތުރުން، ބުރަކަށީގަ އާއި، ފައިގެ ފަލަމަސްގަނޑު ހިމެނޭ ސަރަހައްދާއެކު އަޅާ ވޭން އިތުރުކޮށްދެއެވެ.
މިލިޔުމުގައި މިބަލައިލަނީ ޕީރިއަޑްދުވަސްވަރު، ހަށިގަނޑުގައި އަޅާ ވޭން އިތުރުވާން ދިމާވާ ކަންކަމުގެ މައްޗަށާއި އަދި މި ތަދު ކުޑަކުރުމަށް ކުރެވިދާނެ ކަންތަކަށެވެ.
އާއިލާގެ އެހެނިހެން އަންހެން މެންބަރުންނަށްވުރެ ތިމާ ޕީރިއަޑްގައި ތަހައްމަލުކުރާ ވޭން ބޮޑު ވެ، އުމުރު މައްޗަށް ދާ ވަރަކަށް މިތަދު އިތުރުވާ ކަމަށް ފާހަގަކުރެވޭ ނަމަ، މިހެން ވާން މެދުވެރިވަނީ ކީއްވެތޯ ސުވާލު އުފެދޭނެއެވެ. މިކަމުގައި ޑޮކްޓަރެއްގެ ލަފާ ހޯދައިލުން މުހިއްމެވެ. ޕީރިއަޑް ތަދު ބޮޑުވާން މެދުވެރިވާ ބައެއް ކަންކަމުގެ ތެރޭގައި:
ޕީއެމްއެސް ނުވަތަ ޕްރީމެންސްޓްރުއަލް ސިންޑްރޯމް އަކީ، ޕީރިއަޑް ވުމުގެ ދުވަސްކޮޅެއް ކުރިން ފެށިގެން ޕީރިއަޑްގެ ފުރަތަމަ ދެތިން ދުވަހާ ހަމައަށް އުނދަގޫތައް ކުރިމަތިކުރުވާ ހާލަތަށް ކިޔާ ނަމެކެވެ. މިއީ ޕީރިއަޑްވާ އުމުރުގެ 90 ޕަސެންޓް އަންހެނުންނަށް ދިމާވާ މައްސަލައެކެވެ. ޑޮކްޓަރުން ލަފާކުރާގޮތުގައި، މި ހާލަތު މެދުވެރިވަނީ، ޕީރިއަޑްވާން ފެށުމުގެ ކުރިން ހަށިގަނޑުގައި ހުންނަ ހޯމޯންސް އީސްޓްރިޖަން އަދި ޕްރޮޖެސްޓެރޯން ދަށްވާން ފެށުމުންނެވެ. ޕީއެމްއެސްގެ ސަބަބުން ވަރަށް ގިނަ ސިއްހީ އުނދަގޫތައް ކުރިމަތިކުރުވައެވެ. އެގޮތުން ވަރުބަލިވުމާއި ހިތްނުތަނަވަސްވެ އުނދަގޫވުން އަދި ބަނޑުގައި ރިއްސުން ހިމެނެއެވެ.
ޕްރީމެންސްޓްރުއަލް ޑިސްފޯރިކް ޑިސްއޯޑާ (ޕީއެމްޑީޑީ) އަކީ ޕީއެމްއެސްގެ ވޭން މާބޮޑަށް އިތުރު ކޮށްދޭ ހާލަތެކެވެ. ޕީރިއަޑްވާ އަންހެނުންގެ ތެރެއިން 5 ޕަސެންޓް މީހުންނަށް މިއުނދަގޫ ވޭން ތަހައްމަލު ކުރަންޖެހެއެވެ. ޕީއެމްޑީޑީ މެދުވެރިވަނީ ސީދާ ކޮން ސަބަބުންކަމެއް ޑޮކްޓަރުންނަށް އަދި ޔަގީންކަމާ އެކު ހޯދިފައި ނުވިނަމަވެސް، ސްޓްރެސް އާއި ޑިޕްރެޝަން ހުންނަ މީހުން ނުވަތަ އެފަދަ ކަމެއް ހުންނަ މީހެއްގެ އާއިލާއަކުން އައިސްފައިވާ މީހުންގެ ތެރޭގައި މިމައްސަލަ ބޮޑުކަން ފާހަގަކުރެވިފައި ވެއެވެ.
ބައެއް އަންހެނުންގެ ރަހިމުގައި ފިބްރޮއިޑްސް އުފެދެއެވެ. ރަހިމުގެ ފަށަލައިގައި އުފެދޭ މި ފިބްރޮއިޑްސްއަކީ ގިނަ ފަހަރު ކެންސަރަށް މަގުފަހި ކުރުވާ އެއްޗެއް ނޫނެވެ. މި ފިބްރޮއިޑްސްއަކީ ލޮލަށް ފެންނަ ވަރަށްވުރެވެސް ކުޑަ، އަދި ހެދި ބޮޑުވެގެން ރަހިމުގެ އުފެދުމަށް ބަދަލު އަންނަ ވަރަށް ހުންނަ އެއްޗެއް ނޫނެވެ. ފިބްރޮއިޑްސް ގިނަ ފަހަރަށް ހުންނަކަން ފާހަގަ ކުރެވޭނީ، ދަރިމައިވާ އުމުރުގެ އަންހެނުންގެއެވެ. އަދި އިއްދައިން ކެނޑޭ އުމުރަށް އެޅުމުން ގިނަފަހަރަށް ފިބްރޮއިޑްސް ނެތިގެންވެސް ދެއެވެ.
ފިބްރޮއިޑްސްއަކީ ރަހިމުގެ ފަށަލައިގައި އުފެދޭ އެއްޗެއްކަމުން، ޕީރިއަޑް ދުވަސްވަރު ގިނައިން ލޭފޭބުމާއި ބަނޑުގައި ރިއްސުން އިތުރު ކުރުވައެވެ.
ސިސްޓަކީ، ފްލުއިޑް ހިފެހެއްޓިގެން ހަށިގަނޑުގައި އުފެދޭ އެއްޗެކެވެ. އޯވޭރިއަން ސިސްޓަކީ މިގޮތަށް އޯވަރީގައި އުފެދޭ ސިސްޓެވެ. އޯވަރީގައި ސިސްޓް ހުރުމުގެ މައްސަލައަކީ ވަރަށް އާއްމު ކަމެކެވެ. ބައެއް ފަހަރު މިފަދަ ކުދިކުދި ސިސްޓުތައް އުފެދި އޭގެ ޒާތުގައި އަމިއްލައަށް ނެތިގެން ދެއެވެ. ނަމަވެސް ބައެއް މީހުންގެ އޯވަރީގައި އުފެދޭ ސިސްޓުތައް ބޮޑެތިވެފައި ގިނަވާ މައްސަލަ ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން، ބަނޑުގައި ރިއްސުން ފަދަ އުނދަގޫ ވޭންތަކެއް ކުރިމަތި ކުރުވައެވެ. މިހާލަތުގައި، ޑޮކްޓަރަކަށް ދައްކައި ފަރުވާ ކުރުމަކީ މުހިއްމުކަމެކެވެ.
އޯވަރީގައި ސިސްޓު އުފެދި ގިނަވެގެން ދަނީ ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް (ޕީސީއޯއެސް)ގެ ސަބަބުންނެވެ. މިއީ ހަށިގަނޑުގައި ހޯމޯން ބެލެންސް ނުވުމުގެ ސަބަބުން، ރަހިމުގައި ސިސްޓް އުފެދުމަށް ކުރިމަތިކުރުވާ ބައްޔަށް ކިޔާ ނަމެވެ. މި ހާލަތުގެ ސަބަބުން ޕީރިއަޑް ތަދު އިތުރުވެގެން ދިއުން، ބަލިވެ އިނުމަށް ހުރަސް އެޅުން ނުވަތަ އުނދަގޫވުން، އިންސިއުލިން ހަށިގަނޑުގައި ދަށްކޮށްލުން ފަދަ ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިކުރުވައެވެ.
ޕީސީއޯއެސް އަކީ ދިވެހިންގެ ތެރޭގައިވެސް މިހާރު ވަރަށް އާއްމު ވެފައިވާ ބައްޔެކެވެ. މިބަލީގެ ސަބަބުން، ޕީރިއަޑްއަށް އަސަރުކުރުން، މޫނާއި ހަށިގަނޑުގައި އިސްތަށިފެޅުން އިތުރުވުން، ބަރުވުން، ހިކެން އުނދަގޫވުން، މޫނުގައި ބިހިނެގުން، ބޮލުން އިސްތަށި ފޭބުން ފަދަ ސިއްހީ ގިނަ މައްސަލަތައް ކުރިމަތި ވެއެވެ. ޑޮކްޓަރަށް ދައްކައިގެން މިބައްޔަށް ފަރުވާކުރުން މުހިއްމެވެ.
ޕީއައިޑީ ނުވަތަ ޕެލްވިކް އިންފްލެމެޓްރީ ޑިސީސްއަކީ، އޯވަރީ އާއި ރަހިމުގައި އިންފެކްޝަނެއް އުފެދުމުން މިބައްޔަށް ކިޔާ ނަމެވެ. މި އިންފެކްޝަން ގިނަ ފަހަރު އުފެދެނީ، ޖިންސީގުޅުމުގެ ސަބަބުން (އެސްޓީއައިގެ ސަބަބުން) ގައިން ގަޔަށް އަރާ ބެކްޓީރިއާއިންނެވެ. ސާޖަރީއެއްގެ ސަބަބުންވެސް ހަށިގަނޑަށް ބެކްޓީރިއާ ވަދެ މިބައްޔަށް މަގުފަހިކުރުވައިފާނެއެވެ. ގިނަ މީހުންނަށް ޕީއައިޑީގެ ސަބަބުން މާބޮޑު އުނދަގޫތަކެއް ނުކުރި ނަމަވެސް، ބައެއް މީހުންނަށް މިހާލަތުގެ ސަބަބުން ޕީރިއަޑް ދުވަސްވަރު ބަނޑުގައި ރިއްސުން އިތުރުވެ ތަދު ބޮޑު ވެއެވެ.
ރަހިމުގެ ފަށަލަ، ނުވަތަ އެންޑޯމެޓްރިއަމް އަކީ ރަހިމުގެ ތެރޭގައި އުފެދޭ އެއްޗެކެވެ. އެންޑޯމެޓްރިއޯސިސް ބައްޔަށް ހުށަހެޅެނީ، މިފަށަލަ ނުވަތަ އެންޑޯމެޓްރިއަމް، ރަހިމުގެ ބޭރުގައި (އޯވަރީ، ބިސް ދަތުރުކުރާ ހޮޅީގައި) އުފެދެން ފެށުމުންނެވެ. ޕީރިއަޑްވުމުން ރަހިމުގެ ޓިޝޫ ހަށިގަނޑުން ނައްޓާލަން މަސައްކަތްކުރަން ފަށާއިރު، ރަހިމުގެ ބޭރުގައި އުފެދިފައިވާ އެންޑޯމެޓްރިއަމް ނެއްޓިގެން ދާނެ ތަނެއް ނޯވެއެވެ. އެހެންކަމުން ހަށިގަނޑުގައި ހަރުލައި، މިކަމުގެ ސަބަބުން ބަނޑުގައި ރިއްސުން ބޮޑުވެ، ލޭއައުން ގިނަވެ އިތުރު އުނދަގޫތައް ޕީރިއަޑްގައި ކުރިމަތިވެއެވެ. އެންޑޯމެޓްރިއޯސިސް މުޅީން ރަނގަޅު ނުކުރެވުނު ނަމަވެސް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދުމުން ލުއި ކުރެވެ އެވެ.
މި ހާލަތަކީވެސް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ކުރުމުން ލުއި ހޯދޭ ހާލަތެކެވެ. މިހާލަތު މެދުވެރިވަނީ، މިބައްޔަކީ، އެންޑޯމެޓްރިއަމް ރަހިމުގެ މަސްގަނޑުގައި އުފެދެން ފެށުމެވެ. އެޑެނޯމެޔޯސިސް އުފެދެނީ ރަހިމުގެ މަސްގަނޑުގެ އެއް ތަންކޮޅެއްގައެވެ. މިއީވެސް ކެންސަރު ސެލްސް އުފައްދާ ހާލަތެއް ނޫނެވެ. ނަމަވެސް މިކަމުގެ ސަބަބުން ބަނޑުގައި ރިއްސާ ރިއްސުން އިތުރު ވެގެންދެއެވެ.
އެޑެނޯމެޔޯސިސްއަށް މަގުފަހި ކުރުވަނީ ސީދާ ކީއްވެގެން ކަން ޑޮކްޓަރުންނަށް ޔަގީންކަމާ އެކު ބުނަން އަދި ނޭނގުނު ކަމުގައިވިނަމެވެސް، ދަރިމައިވެފައިވާ އަންހެނުންނާއި، ރަހިމުގެ ސާޖަރީ ހަދާފައިވާ ގިނަ މީހުން މިބައްޔަށް ހުށަހެޅުމުގެ ފުރުސަތު އިތުރުކަން ފާހަގަކުރެވިފައި ވެއެވެ.
ދެން މި ބަލަިއލަނީ ޕީރިއަޑް ދުވަސްވަރު އަޅާ ވޭން ނުވަތަ ބަނޑުގައި ރިއްސުން ކުޑަކުރުމަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކާމިޔާބު ބައެއް ކަންކަމަށެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ، މިކަންކަމުގެ ސަބަބުން ވެސް ކޮންމެ ފަހަރަކު ކޮންމެ މީހަކަށް ހައްލު ނުލިބިދާނެކަމެވެ. ހާއްސަކޮށް ތިމާ ހުށަހެޅިފައިވާ ބަލީގެ ސަބަބުން މިކަންކަމުން މާބޮޑު އަސަރެއް ނުކޮށްފާނެއެވެ. ނަމަވެސް ތަދު ކުޑަކުރުމަށް އެހީތެރިއަކަށް މިކަންކަން ވެދެއެވެ.
ބަނޑުގައި ވައި ހެދުމުގެ ސަބަބުން ޕީރިއަޑް ދުވަސްވަރު ބަނޑުގައި ރިއްސުން އިތުރުވެއެވެ. ގިނައިން ފެން ބުއިމުގެ ސަބަބުން، ބަނޑުގައި ވައިހެދުން ކުޑަކޮށްދީ ޕީރިއަޑް ތަދަށް ލުޔެއް ގެނައުމަށް އެހީވެދެއެވެ. އަދި ހޫނު ފެން ބުއިމުގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވުން ފަސޭހަކޮށްދީ، މި ތަދުގެ މައްސަލަތަކަށް ލުޔެއް ގެނުވައެވެ.
އިނގުރު، އޯބަތް އަދި ކެމޮމިލް ސައި ބުއިމުން ޕީރިއަޑް ތަދު ކުޑަކޮށްދިނުމަށް އެހީވެދެއެވެ. މީގެ އިތުރުންވެސް ހާބަލް ޓީ އަކީ، ސްޓްރެސް އާއި ނިދުމަށް ހުރަސްއެޅުމުން ދުރުކޮށްދޭ އެއްޗެކެވެ.
ބައެއް ކަހަލަ ކާނާ ވެސް ޕީރިއަޑް ތަދު ކުޑަކުރުމަށް އެހީތެރިއަކަށް ވެގެން ދެއެވެ. ބެރީސް، ޓޮމާޓޯ، އަލަނާސި، ފަތުގެ ބާވަތްތައް، އާމަންޑްސް، ވޯލްނަޓްސް، މަހުގެ ބާވަތްތައް އަދި ހާއްސަކޮށް ސެލްމަން މީގެ ތެރޭގައި ހިމެނެއެވެ. އަދި އިނގުރާއި ރީނދޫ އާއި ލޮނުމެދު ބޭނުންކުރުމަކީވެސް ހަށިގަނޑު ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދޭ ބާވަތްތަކެވެ.
ބްރައުނީ އާއި ޗިޕްސް ފަދަ އެއްޗެތި ކެއުމުގެ ބަދަލުގައި، ސިއްހަތަށް ފައިދާ ހުރި މޭވާއެއް ކެއުން ރަނގަޅެވެ. ހަކުރު އަދި ލޮނު ގިނައިން އެކުލެވިގެންވާ އެއްޗެތީގެ ސަބަބުން، ބަނޑުގައި ރިއްސުން އިތުރުކޮށްދެއެވެ.
ކޮފީ ބޯން ބޭނުންވާ ނަމަ ކެފެއިން ނުހުންނަ ކޮފީ ބުއިމަށް ވިސްނާށެވެ. ކެފެއިން އަކީ ވެސް ޕީރިއަޑް ތަދު އިތުރުކޮށްދޭ އެއްޗެކެވެ.
ވިޓަމިން ޑީ ގެ ސަބަބުން، ހަށިގަނޑުގައި ކެލްސިއަމް އިތުރުވެ ތަދު ކުޑަކުރުމަށް އެހީތެރިވެދެއެވެ. ވިޓަމިން ޑީ ގެ އިތުރުން، އޮމެގާ-3، ވިޓަމިން އީ، މެގްނީސިއަމްވެސް މިކަމަށް އެހީތެރިވެދެއެވެ.
މަސްގަނޑު އަރާމުކޮށް، ލޭ ދައުރުވުން އިތުރުކުރުމަށް ހަށިގަނޑަށް ހޫނުކުރެވިދާނެއެވެ. ހޫނު ފެން ހަން ބޭނުން ކުރުމާއި، ހޫނުމިން ހެޔޮވަރުކޮށް ފެންވަރައިލުމުން ވެސް ހަށިގަނޑަށް އެތައް ގޮތަކުން ފަސޭހަވެގެން ދާނެއެވެ.
ހަށިގަނޑުގައި ވޭނެއް އަޅާނަމަ، ކަސްރަތުކުރުމަކީ، އެހާ ގަޔާވާނެ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ކުދިކުދި ކަސްރަތުތަކުގެ ސަބަބުންވެސް ހަށިގަނޑުގައި، ހޯމޯންއެއް ކަމުގައިވާ އެންޑޯފިން އިތުރުކޮށްދެއެވެ. އުފާވެރިކަން އިހުސާސް ކުރުމާއި، ތަދު ކެނޑުވުން އަދި މަސްގަނޑު އަރާމުކޮށްދިނުމަށް އެންޑޯފިން އެހީތެރިވެދެއެވެ.
ސްޓްރެސްގެ ސަބަބުންވެސް މި ތަދު ބޮޑުވެގެންދެއެވެ. ސްޓްރެސްވުމުން ދުރުކޮށްދޭ ކަންކަމަށް ސަމާލުކަން ދޭށެވެ. ފުން ނޭވާ ލުމާއި، ޔޯގާ، އަދި މެޑިޓޭޝަން އަކީ މިކަމުގައި އެހީތެރެދޭނެ ކަންކަމެވެ. މީގެ އިތުރުންވެސް އަހަރެމެން މުސްލިމުންނަށް ވީތީ، ނަމާދު ނުކުރެވޭ މިހާލަތުގައި އެކަނި އިނދެ ﷲއަށް ޒިކުރު ކުރުމަށް ވަގުތުކޮޅެއް ހުސްކޮށްލުމަކީވެސް ސްޓްރެސްވުން ހުއްޓުވަން ވަރަށް ރަނގަޅު ފަރުވާއެކެވެ.
މަސާޖްގެ ސަބަބުން މަސްގަނޑު އަރާމުކޮށްދީ، ތަދު ކުޑަކުޑަކުރުމަށް އެހީއަކަށް ވެދެއެވެ. އެހެން ކަމުން ހަށިގަނޑުގެ މަސްގަނޑަށް ލުއި ލިބޭ ފަދަ ލުއި މަސާޖެއް ކޮށްލެވިދާނެ އެވެ. އެއިރުން ލޭ ދައުރުވުމަށް އެހީތެރިވެދޭނެ އެވެ. އޭގެ ސަބަބުން ވެސް ތަދަށް ލުއި ލިބިގެން ދާނެ އެވެ.
ތަދުގެ ވޭން މާ ބޮޑުވެގެން ގޮސް ކެތް ކުރާން އުނދަގޫ ވެއްޖެ ނަމަ، ތަދުކަނޑުވާ ޒާތުގެ އާންމު ބޭހެއް ކެއުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް މިކަމުގައި ވެސް ބަލަން ވާނީ ކެތްތެރިކަން އިސްކޮށް ބޭހާއި ނުލައި ފަރުވާއެއް ހޯދޭތޯ އެވެ.
އެކިއުޕަންކްޗަރު އަދި އެކިއުޕްރެޝަރު ފަދަ ޗައިނީސް މެޑިސިންގެ ސަބަބުން ވެސް ޕީރިއަޑް ތަދަށް އެހީވެދެއެވެ. މީގެ އިތުރުން ހިޖާމާގެ ސަބަބުން ވެސް މިކަމަށް ވަރަށް ބޮޑަށް ލުއި ލިބެއެވެ.
ހޯމޯން ބެލެންސް ނުވުމުގެ ސަބަބުން ޕީރިއަޑް ތަދު އިތުރުވާ ހާލަތެއް ނަމަ، އީސްޓްރިޖަން އަދި ޕްރޮޖެސްޓްރޯން ހޯމޯން ބެލެންސްކޮށްދިނުމުގައި ވިހެއުން ކޮންޓްރޯލް ޕިލްސް އެހީތެރިވެދެއެވެ. އެހެން ނަމަވެސް އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ދައްކައިގެން ނޫނީ މިފަދަ ބޭހެއް ބޭނުން ނުކުރުން މުހިއްމެވެ.
މިފާހަގަކޮށްލެވުނު ކަންކަމަކީ ޕީރިއަޑް ތަދު ކުޑަކުރުމަށް އެހީތެރިއަކަށް ވެދޭ ކަންކަމެވެ. މިދުވަސްވަރުގެ ތަދަށް މިފަދަ އެއްވެސް ކަމަކުން ލުޔެއް ނުލިބޭނަމަ، ޑޮކްޓަރަށް ދައްކައިގެން މިކަމުގައި ފަރުވާ ހޯދުމަކީ ވަރަށް މުހިއްމުކަމެކެވެ.
ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު