ކޮވިޑްގެ ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން މެދުކަނޑާލުމަށް ފަހު، ހާއްސަ ކެޓަގަރީގެ މީހުންނަށް ފުރަތަމަ ޑޯޒު ދޭން ދެން ފަށާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މިއަދު ވަނީ މެދުކަނޑާލައިފައެވެ.
އެޗްޕީއޭ އިން ބުނީ މިއަދުގެ ފަހުން ވެކްސިން ޖެހުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ވެކްސިން ޖަހަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 200،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފަ އެވެ.
މިއަދު ރާއްޖޭގައި 6،597 މީހަކަށް ވެކްސިން ދީފައިވާއިރު، މިހާތަނަށް ޖުމުލަ 212،711 މީހަކު ވަނީ ވެކްސިން ޖަހައިފަ އެވެ.
މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 4994 މީހަކު ވެކްސިން ޖަހާފައިވަނީ މާލެއިންނެވެ. އަދި އަތޮޅުތެރެއިން 1603 މީހަކު ވެކްސިން ޖެހިއެވެ. މިހާތަނަށް ވެކްސިން ޖެހި ޖުމުލަ މީހުންގެ ތެރެއިން މާލެއިން 121،630 މީހަކު އަދި އަތޮޅުތެރެއިން 91،081 މީހަކު ވެކްސިން ޖަހާފައި ވެއެވެ.
މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ދަނީ ވެކްސިން ޖަހައިދެމުންނެވެ.
ހެޔޮއެދޭ ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި 10،000 ޑޯޒްގެ ސިނޯފާމް ވެކްސިން ވަނީ ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފަ އެވެ.
މިއަދު ވަނީ ސިނޯފާމާއި ފައިޒާ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު