ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނަގާއިރު، ގާބިލު މީހާއަށް އިސްކަން ދޭން ލާޒިމު ނުވާ ގޮތަށް ސިވިލް ސާވިސްގެ ގާނޫނު އިސްލާހު ކުރަން ހުށަހަޅައިފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާ އިސްލާހެކެވެ.

ރައްިޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ ތަޅުމަށް އިއްވަވައިފައެެވެ.

ރޮޒެއިނާގެ އިސްލާހުގައި ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި ގާބިލު މީހާއަށް ވަޒީފާ ދޭން ލާޒިމުކޮށްފައި ގާނޫނުގައި ކަނޑައަޅާފައިވާ ފަސް ވަނަ މާއްދާގެ (ބ) އުނިކުރަން ވަނީ ހިމަނައިފައެވެ.

އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ބ) ގައި ބުނެފައި ވަނީ، ދިވެހި ސިވިލް ސާވިސްގައި މަސައްކަތްކުރުމަށް ވަޒީފާ ދޭން ވާނީ ތިރީގައިވާ ގޮތުގެ މަތިން އެމީހުންގެ ގާބިލުކަމާއި، ތަޖުރިބާއަށް ބެލުމަށްފަހުގަ އެވެ.

(ބ) ގެ (1) ގައި ބުނެފައި ވަނީ ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އިސްކަންދޭން ވާނީ އިލްމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ފަރާތްތަކަށެވެ. (2) ގައި ބުނެފައިވަނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިލްމީ ފެންވަރު އެއްވަރުވެއްޖެ ހާލަތެއްގައި އިސްކަން ދޭންވާނީ އެ ދާއިރާއެއްގެ މަސައްކަތުގެ ފެންވަރާއި ތަޖުރިބާގެ މައްޗަށް ބަލައި އެންމެ ރަނގަޅު ފަރާތަކަށް ކަމަށެވެ.

މީގެ އިތުރުން ސިވިލްސާވިސްގެ ވަޒީފާތަކަށް ނަގާ އެންމެ މަތީ އުމުރަށް ބަދަލު ގެނައުމަށް ވެސް ބިލުގައި ވަނީ ހުށަހަޅުއްވައިފަ އެވެ.

ގާނޫނުގެ 41 ވަނަ މާއްދާއަށް ގެންނަން ހުށަހަޅުއްވާފައިވާ އެ އިސްލާހުގައި ބުނެފައި ވަނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ވަޒީފާއިން މުސްކުޅި ކޮށްފައިވާ ފަރާތަކަށް ނުވުމާއި އުމުރުން 60 އަހަރަށް ވުރެ ދޮށީ އުމުރުގެ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

އެ އިސްލާހު ފާސްވެއްޖެ ނަމަ، ސިވިލްސާވިސްގެ ވަޒީފާތަކަށް ދެން ނެގޭނީ 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނެވެ.

ގާނޫނުގައި މިހާރު ބުނާގޮތުން 65 އަހަރުން ދަށުގެ މީހުން ވެސް ވަޒީފާތަކަށް ނެގޭނެއެވެ.